ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓޮވް ވި މީހުންގެ ތެރޭގައި 200 އާ ގާތްކުރާ އަދަދަކަށް ފްރޮންޓަލައިން ވޯކާސް، ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިކަން ހާމަކުރައްވައިފައި ވަނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލްއެވެ.

ޑރ. އަފްޒަލްގެ ގްރާފްތަކުން ދައްކާގޮތުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 199 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ އަފްޒަލް ވަނީ ރާއްޖޭގައި ކުރީ ސަފުގައި މަސައްކަތް ކުރާ 137 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅު ވެފައެވެ. އެއީ މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ތައްޔާރު ކޮށްފައިވާ ގްރާފެކެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދާ ހަމައަށް، ފްރޮންޓްލައިންގައި މަސައްކަތް ކުރާ 62 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ.

އެންމެ ގިނަ މީހުން އެއްފަހަރާ ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 8 ވަނަ ދުވަހެވެ. އެދުވަހު އެކަނި ފްރޮންޓްލައިންގައި މަސައްކަތް ކުރާ 47 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު 22 ފްރޮންޓް ލައިން ވޯކަރުން ޕޮޒިޓިވް ވެފައި ވާއިރު، މި މަހުގެ 10 ވަނަ ދުވަހު 15 އޮފިސަރަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ފްރޮންޓްލައިންގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، އެންއީއޯސީން ވަނީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމަކަށް ވާތީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ ސިފައިންނާ ފުލުހުންގެ އަދަދުތައް ވަކިވަކިން ހާމަނުކުރާނެ ކަމަށް ބުނެފައެވެ. އަދި ނަންބަރުތަައް ހާމަކުރާނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ މުޅި ޖުމްލަ އެއްކޮށް ކަމަށް އެންއީއޯސީން ބުނެއެވެ.

ފްރޮންޓްލައިން ވޯކާސްގެ ގޮތުގައި ބަލަނީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސަލާމަތީ ހިދުމަތްތަކާއި ޕޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެވެ.

ރާއްޖޭގައި މިހާ ގިނަ އަދަދެއްގެ ފްރަންތްލައިން ވޯކަރުން ޕޮޒިޓިވް ވުމާއެކު ދެން އޮތް ކޮންޓިންޖެންސީ ޕްލޭނަކީ ކޮބާތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.