މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯ އިން އާއްމު ކޮށްފައިވާ އެ ކުންފުނީގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުގައި ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ވަނީ ލިބިފައިވެއެވެ. ވިޔަފާރީގެ ފައިދާގެ ގޮތުގައި 160 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވާއިރު ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި ހިއްސާ އަކަށް ޖެހޭ މިންވަރަކީ 101 ރުފިޔާއެވެ.

އެސްޓީއޯ އިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮށްފައިވާ މުހިއްމު ކަންކަމުގެ ތެރޭގައި އެސްޓީއޯ އިން ވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފުރަތަމަ ބޯޓު، މިދިޔަ މާޗު މަހު ރާއްޖެ ގެނެސްފައެވެ. މިއީ އެސްޓީއޯގެ 99 ޕަސެންޓް ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްސެސްއެެމް) ގެ އެއް ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއްގެ ފުރަތަމަ ބޯޓެވެ.

މީގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮންނަ އެކުންފުނީގެ ހިއްސާ ވަނީ ދިވެހި ސަރުކާރުގެ ނަން މައްޗަށް ބަދަލުކޮށްފައެވެ.

2095 މުވައްޒަފުން ވަޒީފާ އަދާ ކުރާ އެސްޓީއޯގައި 81 ޕަސެންޓަކީ ދިވެހިންނެވެ. ބާކީ 19 ޕަސެންޓަކީ ބިދޭސީންނެވެ. އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 65 ޕަސެންޓު މުވައްޒަފުންނަކީ ފިރިހެނުންނެވެ. މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 35 ޕަސެންޓަކީ އަންހެނުންނެވެ.