ބޭރުގެ އެހީއާއި ލޯނުގެ ގޮތުގައި ބޭރުގެ މާލީ އިދާރާތަކުން މިހާތަނަށް 290 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މިވަގުތު ކޮވިޑް19 ގެ ސަބަބުން ދައުލަތަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ބޭރުގެ މާލީ އިދާރާތަކުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވޯލްޑް ބޭންކުގެ އިންކަމް ސަޕޯޓު ޕްރޮޖެކްޓްގެ މަސައްކަތްތަކެއް އޭއައިއޭބީއާ އެއްކޮށް ކުރާ ކަމަށާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއެކު ވެސް މަސައްކަތްތަކެއް ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޮފިޑުން މިހާރުވެސް 20 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ މިހާތަނަށް ގާތްގަނޑަކަށް 290 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި ކޮންސެޝަނަލް އަދި ނޮން ކޮންސެޝަނަލް ލޯނު ގާތްގަނޑަކަށް ކަށަވަރު ވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ބަޖެޓު ޑެފިސިޓު އިރުވަމުން އަންނަ ކަމަށެވެ. އެކަން ހަމައަކަށް އަޅުވަން 13 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް އަމީރު ވިދާޅުވިއެވެ. އެ ފައިސާ ހޯދުމަށްވެސް މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެއީ ދެމެހެއްޓެނިވި ގޮތަކަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށް އަމީރު ވިދާޅުވިއެވެ.
ދައުލަތަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ބޭރުގެ އެހީ ހޯދަމުން އަންނައިރު އެކަމަށްވެސް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ކޮވިޑް19 ގެ ހާލަތަށް ބޭރުގެ މާލީ އިދާރާތަކުން ވެސް ތައްޔާރުވެފައި ނެތުމުން ކަމަށް އަމީރު ވިދާޅުވިއެވެ.