ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ރެންޑަމް ސާމްޕަލްތަކެއް ނަގައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި އެ ސާވިސް ގުޅިގެން މިއަދު އައްސޭރި ޖަލުގައި ތިބި ގައިދީންނާއި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ގައިން ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ކަރެކްޝަނުން ބުނީ ޖުމްލަ 37 ސާމްޕަލް އެއް ނަގާފައިވާ ކަމަށާއި އެ ސާމްޕަލްތައް ނަގާފައިވަނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ގައިދީންނާއި އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ވެސް ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގައި ކަމަށެވެ.

އައްސޭރި ޖަލުން ރެންޑަމް ސާމްޕަލްތަކެއް ނެގިއިރު، މާފުށީ ޖަލުން ވެސް ވަނީ 38 ރެންޑަމް ސާމްޕަލެއް ދާދިފަހުން ވަނީ ނަގާފައެވެ. އެ ހުރިހާ ސާމްޕަލްއެއްގެ ނަތީޖާ ވެސް ވަނީ ނެގެޓިވްވެފައެވެ.

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވާއިރު އިއްޔެ ހިންމަފުށި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ އެރަށުގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ތިން މީހަކު ބައްޔަށް ޕޮޒިޓިވް ވުމުންނެވެ. މިހާތަނަށް އެމީހުންނަށް ބަލި ޖެހުނު ގޮތެއް އަދި ކަމާގުޅުންހުރި ފަރާތްތަކުން ހާމަ ކޮށްފައެއް ނުވެއެވެ.