ޕޮޒިޓިވްވި އިތުރު 9 މީހަކު ބަލިން ރަނގަޅުވެ، ޖުމްލަ އަދަދު 58 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތް މިނިސްޓްރީގެ ޑޭޝްބޯޑުގައިވާ ގޮތުން މިއަދު އިއުލާން ކުރި 9 މީހުންނަކީ އިއްޔެ ރަނގަޅުވި ބައެކެވެ.

މިއަދު އިއުލާން ކުރި މީހުންގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި 4 ބިދޭސީންނެވެ. އޭގެ ތެރެއިން ދިވެހިންގެ ތެރޭގައި ހިމެނެނީ ކޭސް ނަންބަރު 518، 254، 222، 201، 138، 122، 67، 56، އަދި ކޭސް 55 އެވެ.

އިތުރު ނުވަ މީހަކު ރަނގަޅު ވެފައި ވާއިރު، ރޭ ވަނީ ހަތަރު މީހަކު ރަނގަޅު ވެފައެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުވެސް ވަނީ 8 މީހުން ރަނގަޅު ވެފައެވެ. އަދި އެއީ ހުސް ދިވެހިން ކަމަށް އެޗްޕީއޭން ބުނެއެވެ.

މި ބަލިން 58 މީހަކު މިހާތަނަށް ރަނގަޅުވި އިރު މިއަދުވެސް 24 މީހަކަށް ރާއްޖެއިން ވަނީ ކޮވިޑް ޖެހިފައެވެ. އެއާ އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1078 އަށް ވަނީ އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.