ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ތަންފީޒު ކުރަމުންދާ ލޮކްޑައުން އަމުރުގެ މުހުލަތުގައި ކުރިމަތިލާންޖެހޭ އެކި މައްސަލަތަކުގެ ސަބަބުން، ނަފްސާނީ ބަލިމަޑުކަމުގެ "ސުނާމީ" އެއް އުފެދިދާނެ ކަމުގެ އިންޒާރު، ނަފްސާނީ ބަލީގެ ޑޮކްޓަރުން ދެއްވައިފިއެވެ.

ނަފްސާނީ ބަލީގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މި ސުނާމީގެ ޝިކާރައަކަށް ވުމުގެ ނުރައްކާ ބޮޑީ ޅަ ކުދިންނާ ދޮށީ އުމުރުގެ މީހުންނެވެ. އެހެނީ ސްކޫލްތައް ބަންދުވެފައި އޮތުމާ، އެކަހެރިވެ ހުންނަންޖެހުމާ، ހޮސްޕިޓަލިތަކަށް ގޮސްގެން ފަރުވާ ހޯދުމަށް ޖެހިލުންވެ ބިރު ގަންނަ ދަރަޖައަށް އަދުގެ ހާލަތު ގޮސްފައި އޮތުމުން ކަމަށްވެސް ނަފްސާނީ ބަލީގެ ޑޮކްޓަރުން ފާހަގަކުރައްވައެވެ.

މާޔޫސްވެ ކަންބޮޑުވެފައި ހުރި ފިރިހެނެއް/ފޮޓޯ: އެންޑްރޯލޮޖީ ސެންޓާ

މި ރޮނގުން ހަދާފައިވާ ސާވޭއަކަށް ބަލާއިރު ނަފްސާނީ ބަލީގެ ނުތަނަވަސްކަމާ ގުޅިގެން ކުށްލި ހާލަތުގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު، ދުރާލާ ރާވައިގެން ކުރިއަށް ގެންދާ ރޫޓީން ޗެކަޕްތަކަށް ވުރެ އިތުރުކަމަށް ދައްކައެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް ކޮލެޖް އޮފް ސައިކޭޓްރިސްޓްސްގެ ރައީސް ޕްރޮފެސާ ވެންޑީ ބާން ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން މީހުންނަށް ލިބެމުންދާ ނަފްސާނީ ގެއްލުންތައް މިހާރުވެސް ފެންނަމުންދާކަމަށެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރުވެސް މި ރޮނގުން އެހީ ބޭނުންވެ، އެ އެހީ ނުލިބި ތިބި މީހުން ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައިވެސް ނަފްސާނީ ބަލީގެ ހިދުމަތްދޭ ފަރާތްތަކުން ދަނީ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް މި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަފްސާނީ ބައްޔަކީ އިރެއްގައި މުޖުތަމައުން ނޭދެވޭ ނަޒަރަކުން އެ ބައްޔަކާ މެދު ދެކުނު ބައްޔަކަށް ވީ ނަމަވެސް، މިއަދު ވަނީ މިކަމާ މެދު މީހުންގެ ހޭލުންތެރިކަން އިތުރުވާން ފަށާފައެވެ. ނަމަވެސް، އެކަށީގެންވާ މިންވަރަކަށް މިކަމުގެ ހޭލުންތެރިކަން މުޖުތަމައުގައި އުފެދިފައި ނެތްކަމީވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.