ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ބޯޑަރު ބަންދުކޮށްފައި އޮތް އޮތުމަށް ނިމުމަކަށް ގެނެސް، އިޓަލީވިލާތުން ބޯޑަރު ހުޅުވާލަން ނިންމައިފިއެވެ.

އިޓަލީވިލާތުގެ ސަރުކާރުން ފާސްކޮށްފައިވާ ގަރާރު ބުނާ ގޮތުގައި އިޓަލީވިލާތުން ބޭރަށް އަދި ބޭރު ގައުމުތަކުން އިޓަލީވިލާތަށް ބޯޑަރު ހުރަސްކޮށް ދަތުރު ކުރުމުގެ ފުރުސަތު، އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެއެވެ.

މިއީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިޓަލީވިލާތުން ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ދޫދީ، އިގުތިސޯދު އަލުން ހިންގައި ގަތުމަށް އެގައުމުން ގެންނަ ބަދަލެއް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން، މިމަހުގެ 18 ވަނަ ދުވަހުން ފަށައިގެން އިޓަލީވިލާތުގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށްވެސް އެއްވެސް ހުރަހެއް ނެތި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ޚަބަރު ލިބެއެވެ.

ކަންމިހެން އޮތް ނަމަވެސް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނާ ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ މީހަކު ނަމަ ކަރަންޓީނަށް ދާންޖެހޭ ގޮތަށް އިޓަލީވިލާތުގެ ސަރުކާރުން ފާސްކުރި ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ބޮޑެތި އާންމު ތަންތަނުގައި ބޮޑެތި އެއްވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.

އިޓަލީވިލާތަކީ ކޮވިޑް-19ގައި ވިލާތުން އެންމެ ހިތި ތަޖުރިބާއެއް ކުރި އެއް ގައުމެވެ. އިޓަލީވިލާތުން 223885 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު 31610 މީހަކު ވަނީ އެގައުމުން މި ބަލީގައި މަރުވެފައެވެ.