މުވައްޒަފުންގެ މުސާރަ ކަނޑައި ނޯޕޭ ލީވް ދީފައިވާ ވިޔަފާރިތަކުން އެ މުވައްޒަފުންނަށް މަދުވެގެން 5000 ރުފިޔާގެ މުސަރައެއް ދޭނަމަ ސަރުކާރުގެ ރިކަވަރީ ޕެކޭޖްގެ ލޯނު ދޫނުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ސްކީމުން ލޯނު ހޯދުމަށް ބީއެމްއެލް އާއި އެސްޑީއެފްސީ އަށް ވެސް، މުވައްޒަފުން ކަނޑާފައިވާ ކުންފުނިތަކާއި ނޯޕޭ ލީވް ނަގަން މަޖުބޫރު ކުރުވާފައިވާ ތަންތަނުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. އަދި މިފަދަ ވިޔަފާރިތަކަކީ ޝަރުތު ހަމަވާ ފަރާތްތަކެއް ނޫން ކަމަށް އަމީރު ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑް-19 ގެ ހާލަތަށް ރިއާއަތް ކުރައްވާ އަމީރު ވިދާޅުވީ މިއީ އެންމެންނަށް ވެސް ދަތިވާނެ ވަގުތަކަށް ވާތީ، މިހާރު ސަރުކާރުން ވަނީ އިތުރު ފުރުސަތެއް ދޭން ނިންމާފައި ކަމަށެވެ. އެގޮތުގެ މަތިން އެ ވިޔަފާރިތަކުން ވަޒީފާއިން ވަކިކޮށް ސަސްޕެންޑް ކޮށް، ނޯޕޭއަށް ފޮނުވާ އަދި މުސާރައިން އުނިކޮށްފައިވާ ނިންމުންތައް ނިންމުން އަނބުރާ ގެންދަން ޖެހޭނެ ކަމަށް އަމީރު ވިދާޅުޅުވިއެވެ. އަދި މަދުވެގެން ހުރިހާ މުވައްޒަފުންނަށް ވެސް 5000 ރުފިޔާ ދޭން އެއްބަސްވުމުން އެ ވިޔަފާރިތަަކަށް ލޯނު ހަމަޖެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ރިލީފް ޕެކޭޖުގެ ތެރެއިން ބީއެމްއެލް މެދުވެރިކޮށް 83 ފަރާތަކަށް މިހާތަނަށް 109.6 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، އެސްޑީއެފްސީން 76 ފަރާތަކަށް މިހާތަނަށް 6.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ ސަޕޯޓެއްގެ ގޮތުން ކުރިން ދޭން ނިންމާފައިވާ 18،000 ރުފިޔާ މިހާރު 30،000 ރުފިޔާއަށް އިތުރު ކުރަން ނިންމާފައި ވާކަމަށާއި، އެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން އެތައް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށް ނޯޕޭއަށް ފޮނުވާފައި ވެއެވެ. އަދި ސަސްޕެންޑްކޮށް މުސާރައިން ބައެއް އުނިކޮށްފައިވެސް ވެއެވެ. ކޮވިޑް-19ގެ ސަބަބުން އިގްތިސޯދަށް ކުރި ނޭދެވޭ އަސަރުތަކާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކާއި މުސާރަ އުނިކޮށްފައިވާ ފަރާތްތަކަށް ދޭން ނިންމާފައިވާ "އިންކަމް ސަޕޯޓް އެލަވެންސް"ގެ އުސޫލު ބުނާ ގޮތުން ވަޒީފާއިން ވަކިކޮށްފައި ވާ މީހުން ނުވަތަ ސަސްޕެންޑް ކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. އަދި މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާއަށް ވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާ ހަމަވަންދެން ނުވަތަ 5000 ރުފިޔާއާ ހަމައަށް ލިބޭނެއެވެ.