ކޮވިޑާ ގުޅިގެން ބޭންކުތަކުން 115 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފިއެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރި 109 މިލިއަން ރުފިޔާއާއި އެސްއެމްއީ ބޭންކުން 6 މިލިއަން ރުފިޔާއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ރިލީފް ޕެކޭޖްގެ ތެރެއިން ބީއެމްއެލް އިން ވަނީ 111 ފަރާތެއްގެ ލޯން އެޕްރޫވް ކޮށްފައި ކަމަށާއި 103 ފަރާތެއްގެ ހުށަހެޅުން ރިޖެކްޓް ކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން މިހާތަނަށް ބީއެމްއެލުން ދޫކޮށްފައި ވަނީ 83 ފަރާތަކަށް ޖުމްލަ 109.6 މިލިއަން ރުފިޔާގެ ލޯނު ކަމަށް އަމީރު ވިދާޅުވިއެވެ.
ހަމައެއާއެކު ރިލީފް ޕްކޭޖުން އެސްޑީއެފްސީ މެދުވެރިކޮށް ލޯނަށް އެދި ހުށަހެޅި 380 ފަރާތެއްގެ ލޯން އެޕްރޫވް ކޮށްފައި ވާ ކަމަށާއި އެއީ 72 މިލިއަން ރުފިޔާގެ ލޯނު ކަމަށް އަމީރު ވިދާޅުވިއެވެ. އޭގެތެރެއިން 76 ފަރާތަކަށް 6.2 މިލިއަން ރުފިޔާގެ ލޯނު މިހާރު ދޫކޮށްފައިވާ ކަަމަށް އަމީރު ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައެވެ. އެގޮތުން ރާއްޖޭގައިވެސް އިގްތިސޯދަށް ދިމާވެފައިވާ ހީނަރުކަމުގެ ތެރެއިން އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ލިބެމުން ދިޔަ އާމްދަނީ ކުޑަވެ ދިރިއުޅުމުގެ ހާލަތަށް ވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މިކަމުން އަރައިގަތުމަށް ސަރުކާރުން ވަނީ ރިލީފް ޕެކޭޖެއްގެ ތެރެއިން ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާފައެވެ.
ހަމައެއާއެކު ކުރިން ނަގާފައިވާ ލޯނުތައް 6 މަސް ދުވަހަށް ފަސްކުރެވޭނެ ގޮތަށް މޮރޮޓޯރިއަމް ސްކީމެއް ވަނީ ހަމަަޖައްސާފައެވެ. މީގެ އިތުރުން ސަރުކާރުން ދަނީ އިންކަމް ސަޕޯޓް އެލަވަންސެއްގެ ގޮތުން ވަޒީފާ ގެއްލުނު ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސެއް ދެމުންނެވެ.