އިއްޔެ އެންމެ ވައި ބާރުވީ ހުޅެލެއަށް ކަން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ހާމަކޮށްފިއެވެ.
މެޓް އޮފީހުން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހުޅުލެއަށް ވައި ޖެހިފައި ވަނީ ވިލާގަނޑުގައި ގަޑިއަކު 48 މޭލުގެ ބާރު މިނުގައެވެ. ދެވަނަ އަށް އެންމެ ގަދައަށް ވައި ޖެހުނު ތަނެއް ކަމަށް އެ އިދާރާއިން ބުނަނީ ޅ. އޮޅުވެލި ފުއްޓެވެ. އެގޮތުން އޮޅުވެލިފުއްޓަށް ވަނީ ވިލާގަނޑުގައި ގަޑިއަކު 46 މޭލު ބާރު މިނުގައި ވައި ޖެހިފައެވެ.
ހުޅުލެއަށް އެންމެ ގަދައަށް ވައި ޖެހިފައިވާއިރު، އާންމުކޮށް ރާއްޖޭގެ ހުރިހާ ތަނަކަށް ވެސް އިއްޔެ ވިލާގަނޑުގައި ވައިޖެހިފައި ވަނީ ގަޑިއަކު 28 މޭލާއި 48 މޭލާއި ދެމެދުއެވެ. އެގޮތުން ށ. ފުނަދޫއަށް ވައި ޖެހުނީ ވިލާގަނޑުގައި ގަޑިއަކު 28 މޭލަށެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތަށް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެ އިދާރާއިން ވަނީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.