ރާއްޖެ ސަރަހައްދުގައި އުފެދެމުންދާ ތޫފާން ދަތުރު ކުރާނީ ރާއްޖެއާ ދުރަށް ކަމަށް ލަފާކުރެވޭކަމުގައި މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ބޮޑުބަޔަކަށް މިދަނީ ގަދަވަޔާއެކު ވިއްސާރަ ކުރަމުން ކަމަށެވެ. އެގޮތުން، ރާއްޖެއާ ދުރުން އިރުދެކުނު ބޭ އޮފް ބެންގަލޯރުގައި ހުރި ކޮޅިގަނޑުގެ ބާރުގަދަވެ މިއަދު ތޫފާނަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މެޓް އޮފީހުން ބުނީ، ބެލެވޭގޮތުގައި އެތޫފާން ބޮޑަށް ރާއްޖެއާ ދުރަށް ޖެހެމުންދާނެ ކަމަށެވެ. އަދި ހުޅަނގު މޫސުން ކުރިއަށް ޖެހެމުންދާ ވަރަކަށް ރާއްޖެއަށް މޫސުމީ ވިއްސާރަ ކުރަމުންދާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ވައި ގަދަވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހެނެއެވެ. އަދި ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން، ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާއިރު، ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އެ އިދާރާއިން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
ބޯކޮށް ވާރޭވެހި ވައި ގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އެގޮތުން މިއަދު ހަވީރު 5:00 އިން މިރޭ 7:00 އާ ހަމައަށް ބ. އަތޮޅުން ފެށިގެން ފ. އަތޮޅަށް އޮރެންޖު އެލާޓު ނެރުނެވެ. މިއީ މި ފަހުން އޮރެންޖް އެލާޓު ނެރުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ސަރަޙައްދަކަށް ރީނދޫ އެލާޓް ވަނީ ނެރެފައެވެ. އެއީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށެވެ. އަދި މ. އަތޮޅުން ފެށިގެން އައްޑޫއާ ދެމެދުގެ ސަރަޙައްދުތަކަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ.