ޑައިލަސިސް ހަދަން އައިޖީއެމްއެޗަށް ދިޔަ މީހަކުވެސް ޕޮޒިޓިވް ވެގެން އޭނާއަށް އެކަން އެޗްޕީއޭއިން އަންގައިފިއެވެ.

އޭނާއާ ބެހޭ ތަފްސީލެއް ނުވަތަ ކޭސް ނަންބަރެއް އެޗްޕީއޭއިން ހާމަ ނުކުރި ނަމަވެސް އޭނާ ކޮވިޑަށް ޕޮޒިޓިވް ކަން އެންގީ ޑައިލަސިސް ހަދަން އައިޖީއެމް ހޮސްޕިޓަލަށް ގޮސް ހާލު ދެރަވެގެންކަން ވަނީ އެނގިފައެވެ.

އޭނާ އަކީ އުމުރުން 60 އިން މަތީގެ މީހެއް ކަމަށް މަސްދަރުތަކުން ވަނީ ބުނެފައެވެ.

ކޮވިޑަށް އޭނާ ޕޮޒިޓިވް ވުމާއެކު މިހާރު އޭނާ ވަނީ ދަރުމަވަންތް ހޮސްޕިޓަލުގެ ޑީއެޗް11 އަށް ބަދަލު ކޮށްފައެވެ.

ކޮވިޑް-19 ގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންގެ އިތުރުން ތަފާތު އެކި ބަލި ބައްޔަށް ފަރުވާ ކުރާ މީހުންނަށެވެ. މިހާރު ދަރުމަވަންތަ ޑީއެޗް11 ގައި ތިބީވެސް ދެބައި އުމުރާއި އެއަށްވުރެ ދޮށީ މީހުންނެވެ.

ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވަމުން ދާއިރު، ބަލިން ފަސޭހަވާ މީހުންގެ ނިސްބަތް ދިގުކަން އެޗްޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް މިއަދު މިހާތަނަށް 49 މީހަކު ވަނީ އެއްކޮށް ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1000 އިން މައްޗަށް އަރާފައެވެ.

ޑައިލަސިސް ހަދަން ގެންދިޔަ ފަހުން ކޮވިޑަށް ޕޮޒިޓިވް ވި މީހާގެ ހާލު އަދި ސާފުވާ ގޮތެއް ނުވެއެވެ.