ކޮވިޑް ޖެހުނު އިތުރު ތިން މީހަކު ރަނގަޅުވެ، ޖުމްލަ އަދަދު 49 އަށް އަރައިފިއެވެ.
ހެލްތް މިނިސްޓްރީގެ ޑޭޝްބޯޑުގައިވާ ގޮތުން މިހާރު ރާއްޖެއިން ކޮވިޑް ޖެހި ރަނގަޅު ވެފައިވާ މީހުންގެ އަދަދު ވަނީ 49 އަށް އަރާފައެވެ.
އެޗްޕީއޭން ބުނެފައިވާ ގޮތުގައި 15 ވަނަ ދުވަހު ރަނގަޅު ވެފައިވާ ކޭސް ތަކަކީ އާރްއެސްސީ ކްލަސްޓާގެ ކޭސް 219 (37 އަހަރު) އާއި ހަމަ އެ ކްލަސްޓާގެ ކޭސް 204 އާއި އެމްއެޗްއެފްގެ ކޭސް 72 (48 އަހަރު) ގެ އިތުރުން ހަމަ އެ ކްލަސްޓާގެ ކޭސް 70 (12 އަހަރު) އެވެ. އެއީ ހުސް ދިވެހިންނެވެ.
އިތުރު ތިން މީހަކު ރަނގަޅު ވެފައި ވާއިރު، މިމަހުގެ 14 ވަނަ ދުވަހުވެސް ވަނީ 8 މީހުން ރަނގަޅު ވެފައެވެ. އަދި އެއީ ހުސް ދިވެހިން ކަމަށް އެޗްޕީއޭން ބުނެއެވެ. އެހެންކަމުން މިހާތަނަށް ރާއްޖެއިން މިބަލިން 35 ދިވެހީންނާއި 14 ބިދޭސީންނާ އެކު ޖުމްލަ 49 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅު ވެފައެވެ.
މި ބަލިން 49 މީހަކު މިހާތަނަށް ރަނގަޅުވި އިރު މިއަދުވެސް 24 މީހަކަށް ރާއްޖެއިން ވަނީ ކޮވިޑް ޖެހިފައެވެ. އެއާ އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1020 އަށް ވަނީ އަރާފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.