ހިނގަމުން މިދާ ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް މުސުމާބެހޭ އޮފީހުން ގޮވާލައިފިއެވެ. މޫސުމާބެހޭ އޮފީހުން ބުނީ ހއ އަތޮޅުން ފެށިގެން ފ އަތޮޅާ ހަމައަށް ކޮޅިގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި އާންމު ގޮތެއްގައި ވައިގެ ބާރު މިން ހުންނާނީ 28 މޭލާއި 35 މޭލާ ދެމެދުގައި ކަމަށެވެ.

މޫސުމާ ބެހޭ އޮފީހުން މިއަދު ހަވީރު 5 އިން ރޭގަނޑު 7 އަށް، ބ އަތޮޅުން ފެށިގެން ފ އަތޮޅަށް އޮރެންޖް އެލާޓުވެސް ނެރުނެވެ. އޮރެންޖް އެލާޓަކީ މޫސުމާ ގުޅޭ ގޮތުން ނެރޭ އެންމެ މަތީ ދަރަޖަ، ރަތުގެ ކުރިން އޮންނަ އެލާޓެވެ. މި އެލާޓު ނެރޭ ދަރަޖައަށް ރާއްޖޭގެ މޫސުން ގޮސްފައި ވަނީ މަދު ހާަލަތްތަކެއްގައެވެ.

އާންމުން ދަތުރުފަތުރު ކުރުމުގައި ސަމާލު ވުމަށް މޫސުމާ ބެހޭ އޮފީހުން އިލްތިމާސް ކޮށްފައި ވާއިރު، މިއަދުވެސް ކަނޑުމަތީގެ ހާދިސާތައް ހިނގާފައިވެއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެންމެ ބޮޑު އެއް ހާދިސާއަކީ، ކ. ކާށިދޫން ފުރައިގެން މާލެ އައި ދޯންޏެއް މާލެ ވެސްޓްޕާކް ތޮށިގަނޑަށް އަރާ، ރާޅާ ތަޅާ ތަޅާ ދޯނި ފުނޑުފުނޑުވެގެން ދިޔަ ހާދިސާއެވެ. އެ ހާދިސާގައި ދޯނީގައި ތިބި 4 މީހުން ސަލާމަތުން އެއްގަމަށް އެރި ނަމަވެސް ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް ފުނޑުދުނޑުވެފައެވެ. އަދި ދޯނީގެ އިންޖީނުވެސް ވަނީ އެ ދިމާ މޫދު އަޑިއަށް ގޮސްފައެވެ.

މިއަދު މާލެ ވެސްޓްޕާކާ ދިމާ ތޮށިގަނޑަށް އެރި ދޯނި އަދި ދޯނި ރާޅާ ތަޅާތަލާ ފުނޑުފުނޑު ވެފައި

އެ ދޯނި ތޮށިގަނޑަށް ލައްވަމުން ދިޔަ އިރު ދޯނީގައި ހުރި ފަތްކޭލާއި ބިލެތާއި ތަކެތި ދިޔައީ މޫދަށް އޮޔާދަމުންނެވެ. އަދި ގިނަ އަދަދެއްގެ ފަތްކޭލާއި ބިލެތް ވަނީ އެމްޕީއެލް ސަރަހައްދަށް އޮޔާއެކު ވަދެފައެވެ. އެތަކެތި މޫދުން ނަގާ އޭގެ ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަނުންނެވެ.

މިިއަދު ފުނޑުފުނޑުވި ދޯނިން އޮޔާ ދިޔަ ފަތްކެޔޮ އެމްޕީއެލް ސަރަހައްދަށް އަރުވާފައި

މިހާދިސާގެ އިތުރުން، ރޭ އައި ކޮޅިގަނޑުގައި މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބިޔަ ބޮޑެތި ގަސްތަކެއްވެސް ވަނީ ބިމާ ހަމަވެފައެވެ. އަދި އެސްޓީއޯ ފށް ގުދަނުގެ ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ވަނީ ހިނގާފައެވެ.

ސަހަރާ ކައިރީގައި ގަހެއް ވެއްޓިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

އެމްއެންޑީއެފުން ބުނީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތަައް ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި، ކަނޑުދަތުރު ކުރާ އުޅަނދުގެ އޮޑިވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފު ކުރުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.

އަދި އުނޅަދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި، ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުނޅަދުގައި މީހުން އުފުލުމަށް ހުއްދަ އޮތް މިނަވަރަށް ވުރެއް ގިނައިން މީހުން ނޫފުލުމާއި، އުނޅަދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ. އަދި ހާއްސަ ކޮށް އަނގަމަތީ ކުދި އުޅަނދުތަކާއި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރު ކުރާ އިރު ސަމާލު ވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކަނޑު މަތީ ގައި އެއްވެސް ހާދިސާއެއް ހިނގާފިނަމަ ލަސް ނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފުން އެދެއެވެ.