ކަނޑުތައް ގަދަވެ ރާޅުގެ އުސްމިން 5 ފޫޓާއި 8 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ ނެޝަނަލް މީޓިއަރޮލޮޖިކަލް ސެންޓަރު (މެޓް) އިން ބުނެފިއެވެ.

"ރާއްޖެ ޓީވީ" އަށް ދިން އިންޓަވިއު އެއްގައި އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެ ކަމަށާއި، އެހެން ނަމަވެސް ތޫފާނުގެ ގެއްލުން ރާއްޖެއަށް ކުރާނެ ވަރު ކުޑަވާނެ ކަމަށެވެ. މާދަމާ އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކޮށްފައި ވާއިރު، ތޫފާން ދަތުރު ކުރަނީ ބަންގްލަދޭޝްއާ ދިމާލަށް ވުމުން ކަމަށް ހާފިޒު ވިދާޅުވިއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ މޫސުން ކުރިއަށް ލަފާ ގޮތަށް ބަލާ ކުރިޔަށް އޮތް 24 ގަޑިއިރަށް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން މިއަދު ހަވީރު 5:00 އިން މިރޭ 7:00 އާ ހަމައަށް ބ. އަތޮޅުން ފެށިގެން ފ. އަތޮޅަށް އޮރެންޖު އެލާޓު ނެރުނެވެ. މިއީ މި ފަހުން އޮރެންޖް އެލާޓު ނެރުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ސަރަޙައްދަކަށް ރީނދޫ އެލާޓް ވަނީ ނެރެފައެވެ. އެއީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށެވެ. އަދި މިރޭ 7:00 އާއި ހަމައަށް ށ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ރީނދޫ އެލާޓް ވަނީ ނެރެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މެދު ރާއްޖެއާއި ރާއްޖޭގެ އުތުރުގެ ރަށްތަކަށް އެވަރޭޖް ވައިގެ ބާރުމިން އުޅެނީ 28 މޭލާއި 35 މޭލާއި ދޭތެރޭގައެވެ. ވިލާގަނޑުން 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 5 ފޫޓާއި 8 ފޫޓު ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. އަދި ރާޅު ބޮޑުވުމުގެ ސަބަބުން ރަށްރަށަށް އުނދައެރުމުގެ ފުރުސަތު ބޮޑުވާނެތީ އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އެހެންކަމުން އެންމެހާ ފަރާތަތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އަންގާފައެވެ.

މޫސުން ގޯސް މިފަދަ ދުވަސްތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް މެޓް އޮފީހުން އަންނަނީ އިލްތިމާސްކުރަމުންނެވެ. މި ދުވަސްވަރަކީ ކޮވީޑް ރާއްޖޭގައިވެސް ފެތުރި ދަރުރޔފަތުރު ކުރުން މެދު ކަނޑާލާފައިވާ ދުވަސްވަރެއް ނަމަވެސް ރަށްރަށުން މާލެއަށް ދަތުރު ކުރާ ފަރާތްތަކާއި މާލެއިން ރަށްރަށަަށް މުދާ ހިފައިގެން ދަތުރު ކުރާ ފަރާތްތަށް ހިމެނެއެވެ.