ކޮވިޑް-19 އިން ދަސްކޮށް ދިނީ އާއިލީ ގުޅުމުގެ މުހިންމުކަން ކަމަށް މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އައިޝަތު މުހައްމަދު ދީދި ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
މިނިސްޓަރު ވިދާޅުވީ، އާއިލާތަކުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ އާއިލާތަކަށް އަސަރުކޮށްފާނެ އިޖްތިމާއީ، އިގްތިސާދީ އަދި އާބާދީ އާ ގުޅުންހުރި ކަންކަމާ މެދު މުޖްތަމައުގެ މެދުގައި އޮތް ހޭލުންތެރިކަން އިތުރުކޮށް ދުޅަހެޔޮ ކުރުން ކަމަށެވެ. އަދި ބަދަހި އާއިލާތަކެއް ބިނާކުރުމަށް ބޭނުންވާ މުހިއްމުކަންކަމާ މެދު ކަމާ ގުޅޭ އިދާރާތައް ހިމެނޭ ގޮތުން މުޅި މުޖުތަމައު ހޭލުންތެރިކުރުވުމަކީ ވެސް މިދުވަސް ފާހަގަ ކުރުމުގެ ބޭނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓަރު ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ އާއިލާތަކުގެ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވަނީ ވަރަށް ގިނަ އާއިލާތަކަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ގިނަ އާއިލާތަކަކަށް އެކި ކަހަލަ ދަތިތައް ތަހައްމަލު ކުރަންޖެހިފައި އޮތް މި ދަނޑިވަޅުގައި އާއިލާތަކުން ދައްކަމުން އަންނަ ކެތްތެރިކަމަކީ މިފުރުސަތަގައި ފާހަގަކޮށްނުލައި ދޫކޮށްލަން ފަސޭހަކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު އާއިލާތަކުގެ ދުވަސް ފާހަގަ ކުރަމުންދާއިރު، ހާލަތުގެ ނާޒުކު ކަމާއެކު އާއިލާގެ މެންބަރުން އެކީގައި ގޭގައި މަޑުކުރަން ޖެހިފައި އޮތް ނަމަވެސް އެ ފުރުސަތު ފަހިވެފައި ނެތް ގިނަ އާއިލާތަކެއްވެސް އެބަތިއްބެވެ. ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ބައެއް ފަރާތްތަކަށް އާއިލާ އާ ބައްދަލުނުކުރެވޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ކޮންމެ ދުވަހަކު އާއިލާ އާއި ބައްދަލުވި ނަމަވެސް ތިމާ އާއި އާއިލާގެ ރައްކާތެރިކަމަށް ނުރައްކާ އޮތް ހިނދުވެސް ގައުމީ ހިދުމަތަށް ނުކުމެ މަސައްކަތްކުރާ ފަރާތްތައް އެބަތިއްބެވެ. މީގެ އިތުރުން ބައްޔަށް ޕޮޒިޓިވް ވުމުގެ ސަބަބުންނާއި، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިގެން އައިސޮލޭޓްކޮށް ނުވަތަ ކަރަންޓީން ކުރުމުގެ ސަބަބުން އާއިލާއާ ދުރުގައި ވަގުތުތައް ހޭދަކުރަންޖެހިފައިވާ ފަރާތްތައް ވެސް އެބަތިއްބެވެ.
މިނިސްޓަރު ވިދާޅުވީ، މި ހުރިހާ ފަރާތްތަކަށް އެފަރާތްތައް ނިސްބަތްވާ އާއިލާގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަކީ އެފަރާތްތަކަށް ސާބިތުކަމާއެކު މަސައްކަތުގައި ދެމިތިބުމަށް ލިބޭ އެންމެ ބޮޑު ހިތްވަރުކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ. އަދި ގައުމުގެ މުޅި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި އެ އާއިލާތަކުން ވަމުން އަންނަ މަތިވެރި ގުރުބާނީގެ އާޚިރު ނަތީޖާއަކަށް އިރާދަކުރެއްވިއްޔާ ވާނީ ދިވެހި އެންމެހާ އާއިލާތަކަށް މި އުނދަގޫ ހާލަތުން އަރައިގަނެވި އެހުރިހާ އާއިލާތަކަށް އަލުން އުފާވެރިކަމާއެކު އުޅެވޭނެ ދުވަސްތަކެއް ފެނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް-19 އިން ދަސްކޮށްދިން އެއް ފިލާވަޅަކީ އާއިލީ ގުޅުމުގެ މުހިއްމުކަން ކަމަށާއި، އާއިލާގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމުގައި އާއިލާގެ ކޮންމެ މެންބަރެއްގެވެސް މުހިއްމު ދައުރެއް އޮތްކަން ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވިއެވެ. އަދި، އާއިލާގެ މެންބަރުންގެ އެކި ބޭނުންތަކަށް ފަރުވާ އެއް ހޯދުމުގައި މުޅި އާއިލާ ޝާމިލްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަކީ ވެސް ލިބިގެންދާ ފިލާވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓަރު ވިދާޅުވީ، މި މުހިއްމު ފިލާވަޅާއެކު މިއަދު އަޒުމަކަށް ހަދަންވީ މި ކުރިމަތިވި ހާލަތާއެކު ބަދަހިކުރެވުނު އާއިލީ ގުޅުން އަބަދުވެސް އެގޮތުގައި ދެމެހެއްޓުން ކަމަށެވެ. މުޅި އާއިލާގެ ރައްކާތެރިކަމަށްޓަކައި ފަރުދީ ގޮތުން ރައްކާތެރިވުމަށް ކުރި މަސައްކަތް، ނިމުމެއް ނެތް މަސައްކަތެއް ކަމުގައި ހެދުން ކަމަށެވެ. އަދި އާއިލާގެ އެއް މެންބަރަކު އަނެއް މެންބަރަކަށް ދިން ވަގުތާއި، އެކަކު އަނެކަކަށްޓަކައި ވީ ގުރުބާނީ އަކީ އެއްވެސް އިރެއްގައި މެދުކަނޑައި ނުލެވޭނެ ކަންކަންކަމުގައި ގަބޫލުކުރުން ކަމަށެވެ.
އާއިލާތަކުގެ ދުވަހު ވިސްނުމުގައި އިތުރަށް ބަހައްޓަންވީ މުހިއްމު އަނެއް ކަމަކީ އާއިލާ އާއި މުޖްތަމައަކީ ގުޅި ލާމެހިފައިވާ ދެ ބަހާ ކަން މުޅި މުޖްތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުން މުހިއްމުވާ ފަދައިން މުޖްތަމައުގައި ހިނގާ ކޮންމެ ކަމެއްގެ އަސަރު ވަކިވަކި އާއިލާތަކަށް ނުކޮށް ދިއުމަކީ ދުރުކަމެއް ކަމަށް މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ. އޭނާ ދިދާޅުވީ، ކަން މިހެން އޮތުމާއެކު ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރަންވީ އެއް ހަގީގަތަކީ ގައުމުގެ ކުރިމަގަށްޓަކައި އާއިލާއެއްގެ ތެރޭގައި އޮންނަ ގުޅުން ވަރުގަދަވާންޖެހޭ ކަމަށެވެ. އަދި މުޅި މުޖްތަމައުގެ ހެވަށްޓަކައި އާއިލީ ގުޅުންތައް ހީނަރުވެދާނެ އެއްވެސް ކަމަކަށް ޖާގަ ނުދިނުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާ އެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އާއިލާ އާއި ދުރުގައި ހުރެ ގެއިން ބޭރުގައި ކުރާ ކޮންމެ އަމަލަކީވެސް ތިމާގެ އާއިލާ އެކޭ އެއްފަދައިން އެހެން އާއިލާތަކަށްވެސް އޭގެ ރަގަޅު ނުވަތަ ނުރަގަޅު އަސަރު ކޮށްފާނެ އަމަލެއް ކަމަށް މިނިސްޓަރު އައްޝަތު ވިދާޅުވިއެވެ. އޭނާ ވަނީ، މި ސަބަބުތަކަށްޓަކައި އާއިލާ އާއި މުޅި މުޖްތަމައުގެ މަންފާ އަށްޓަކައި އެކަކު އަނެކަކަށް އިހުތިރާމާއި، އޯގާތެރިކަމާއެކު އަޅާލާ، ޒިންމާދާރު ރައްޔިތަކަށްވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.