މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެސްޓީއޯ ފުށް ގުދަނުގެ ޓިނުތައް އުކާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު މާލެ ސިޓީއަށް ކުރި ވިއްސާރައިގައި ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓިފައި ވާ ކަމަށާއި ބައެއް އިމާރާތްތަކުގެ ޓިނުތައްވެސް އުކާލާފައިވާ ކަމަށެވެ. އެގޮތުން އެމްއެންޑީއެފް ފަޔާ ރެސްކިއު ސާވިސްގެ ސިފައިން ގަސްތައް ނެގުމަށާއި ފުރާޅު އެއްލައިގެން ދިޔަ ތަންތަން ރަނގަޅު ކުރުމަށް ހަރަކާތްތެރި ވަމުން ދާ ކަމަށް އެފަރާތުން ބުނެއެވެ.

ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދާ ދިމާލުން ވައިގަދަވުމުގެ ސަބަބުން އިމާރާތެއްގެ ފުރާޅު އެއްލައިގެން ގޮސްފައި ވެއެވެ. އެ ގޮތުން ފުރާޅު އެއްލައިގެން ގޮސްފައި ވަނީ އެސްޓީއޯ ފުށް ގުދަނެވެ. އެސްޓީއޯ ފުށް ގުދަނުގެ ފުރާލު އެއްލާލި ނަމަވެސް އެތާހުރި ތަކެއްޗަށް ގެއްލުން ނުވާކަން ވަނީ އެނގިފައެވެ. މީގެ އިތުރުން ގ. ސައްލިގެ ފުރާޅު ވެސް ވަނީ އެއްލައިގެން ގޮސްފައެވެ.

މާޅޭގެ އެކި ސަރަހައްދުން ގަސް ވެއްޓިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހެންވޭރު ސަހަރާ ކައިރިއާއި މާވެޔޮ މަގާއި ވޮއިސް އޮފް މޯލްޑިވްސް ކައިރިއާއި ކޮއްތު ހަޓް ކައިރި އަދި މުލީއާގެ ސަރަހައްދު ހިމެނެއެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައިގައި އެމްއެންޑީއެފުން އެހީތެރިވަނީ

މިއަދު މެޓް އޮފީހުން ވަނީ އުތުރުގެ ބައެއް އަތޮޅުތަކާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އެ ގޮތުން މެޓް އޮފީހުން ބުނީ، ށ. އަތޮޅުން މ. އަތޮޅާ ދެމެދަށް މިއަދު ހެނދުނު 11:00 އިން ފެށިގެން މެންދުރު ފަހު 3:00 އާ ދެމެދުގެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ ކަމަށެވެ. އަދި އާންމު ވައި ގަޑިއަކު 28 މޭލާއި 35 މޭލަށް ހުންނާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް މެތް އޮފީހުން ބުނެއެވެ.

މިއަދު ވިއްސާރަ ކޮށް މާލެއަށް ގެއްލުންތަކެއް ވެފައިވާ އިރު އިއްޔެ ކުރި ވިއްސާރައިގައި އައްޑޫ ސިޓީގެ މަގުތައް ފެންބޮޑުވެ ގިނ ގެތަކަކަށް ވަނީ ގެއްލުނެ ވެފައެވެ.