ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ހުއްޓުވުމަށް ގައުމުތަކުން ދެލޯމަރާފައި ނަމަވެސް އެޅި އެންމެ ވަރުގަދަ އެއް ފިޔަވަޅަކީ ބޯޑަރުތައް ބަންދުކޮށްލުމެވެ. އެއްގަމާ، ކަނޑާ ވައިގެ މަގުން އެ ގައުމަކަށް ވަދެ ނިކުމެވެން ހުރި ދޮރޯށިތަކުގައި ތަޅުއެޅުވިއެވެ. ނަތީޖާއަކަށްވީ، ކުޑަ ދުވަސްކޮޅެއްގެ މެހެމާނުންތަކެއް، މުއްދަތެއް ނެތް ގޮތަށް ގައުމުތަކުގައި ތާށިވުމެވެ. ވަޒީފާއެއް ނެތެވެ. ވަންނާނެ ގެދޮރެއް ނެތެވެ. އަޅާލާނެ ޔާރެއް އިޔާރެއްވެސް ނެތެވް. އުމުރު ދުވަހު އެއްކުރި ފައިސާކޮޅުން ހޭދަކޮށްލަން އައި ޗުއްޓީއާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ފަތުރުވެރިންނަށް ގައިދީންނަށް ވިއެވެ.

މިފަދަ ހާލެއްގައި އަދުގެ ދުނިޔެ އޮތްއިރު، މި މެހެމާނުންނަށް އެންމެ ކަމޭ ހިތާ އަދި އެންމެ ދީލަތި ގައުމަކީ ކޮބައިކަން އެންމެ ތަފްސީލުކޮށް ބަޔާންކޮށްދިން އެކަކީ މަޝްހުރު ވްލޮގާ ނާސިރު ޔާސީންއެވެ. ނާސް ނިއުސްގެ ގޮތުގައި އޭނާ ގެނެސްދެމުންދާ ޕޯސްޓުތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، އޭނާ މިވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެންމެ ދީލަތި ގައުމުގެ ޝަރަފު، ގައުމަކަށް ދީފައެވެ. ގައުމަށް ބީރައްޓެހި އެތައް ބަޔަކަށް ހަމްދަރުދީވެ، އޯގާތެރިކަމާ ލޯބި ދިނުމުގައި ގައުމުގެ ކުދި ބޮޑު އެންމެން މިސާލު ދައްކަމުންދާ އެ ގައުމަކީ ނާސް ނިއުސް ބުނާ ގޮތުންނަމަ އަވަށްޓެރި ސްރީލަންކާއެވެ.

ސްރީލަންކާގެ އިގުތިސޯދީ އުފެއްދުންތެރިކަމުގެ 12 ވަރަކަށް ޕަސެންޓް ބަރޯސާވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން އެގައުމަށް އެތެރެވެ ތިބި މެހެމާނުން މިއަދު ހާލުގައި ޖެހިފައިވާއިރު އެމީހުންނަށް އެހީވުމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތައް ގުޅިގެން ވަނީ ހާއްސަ މަޝްރޫއެއް ފަށާފައެވެ. ޓުއަރިޒަމް ޑިޒާސްޓާ މޮނިޓަރިންގް އެންޑް ހޮސްޓިންގް ޕްރޮގްރާމްގެ ނަމުގައި ހިންގާ މިމަޝްރޫއަކީ ސްރީލަންކާގައި ހާލުގައި ޖެހިފައި ތިބި ފަތުރުވެރިންނަށް ބޯހިޔާވަހިކަމާ، ކަބޯތަކެތީގެ ރައްކާތެރި ކަން ކަށަވަރުކޮށްދޭ މަޝްރޫއެކެވެ.

އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ނާސިރު ޔާސީން ސިފަކުރާ ގޮތުގައި ސްރީލަންކާގެ ރައްޔިތުންގެ ތެރެއިން، ވަކިން ހާއްސަކޮށް އެލާގެ ރަށްވެހިން ދަނީ ފަތުރުވެރިންނަށް ކަމޭ ހިތުމުގައި މިސާލު ދައްކަމުންނެވެ. އެގޮތުން އާއިލާއާއި އެތައް ސަތޭކަ މޭލެއް ދުރުގައި ބަންދުވެފައި ތިބި ފަތުރުވެރިންނަށް މިއަދު އާއިލާއެއްގެ ލޯބި ދެނީވެސް ލަންކާގެ ރައްޔިތުންކަން އޭނާ ފާހަގަކުރެއެވެ.

ކޮވިޑް-19އާއެކު ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތް މުޅިން އިނދެޖެހުނު ކަމުގައި ވީ ނަމަވެސް، އެ ފަސްގަނޑުގައި ތާށިވި ފަތުރުވެރިންނަށް ހިދުމަތް ކުރަމުންދަނީ އިހުތިރާމާ އެކުގައިކަން އެނާ ފާހަގަކުރެއެވެ. ސްރީލަންކާގެ މައި ދޮރޯށިތައް މާޗް މަހު ބަންދުކުރި ހިސާބުން މިއަދު އެގައުމުގައި 11000 އެއްހާ ފަތުރުވެރިން އެބަ ދިރިއުޅެއެވެ.

ނާސިރު ޔާސީންވަނީ، ލަންކާއިން މިއަދު ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަމަކީ، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ އިގުތިސޯދުތައް އަލުން ހުޅުވާލުމާއެކު ކޮންމެ މީހަކުވެސް އެކަމުގެ އަގު ސްރީލަންކާއަށް އަދާކޮށްދިނުން ހައްގު އެހީއެއްކަން ފާހަގަކޮށްފައެވެ. އެގޮތުން ފަތުރުވެރިން އެނބުރި ލަންކާއަށް ގޮސް، ލަންކާގެ ހޮޓާތަކުގައި ޗުއްޓީ ހޭދަކޮށް، ލަންކާއަށް ލިބޭ އާމްދަނީ އިތުރު ކޮށްދިނުމުގައި ހިއްސާވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވާ ވްލޮގާ ވަނީ ގޮވާލާފައެވެ.