ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތައް އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާ ސަރުކާރުގެ ތާރީހުގައިވެސް ކުރިއަށް ގެންދާ އެންމެ ވަރުގަދަ އިވަކުއޭޝަން އޮޕަރޭޝަން މިޝަން ވަންދޭ ބާރަތުގެ ދަށުން، ދިވެހިރާއްޖެއިން އިވަކުއޭޓްކުރާ 3 ވަނަ ގުރޫޕު، އިންޑިއާގެ ކަނޑުގެ އަސްކަރީ މަނަވަރު އައި.އެން.އެސް ޖާލަޝްވާއަށް ބޯޑު ކުރަން ފަށައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި ރާއްޖެއިން އިންޑިއާއަށް އިވަކުއޭޓް ކުރާ 3 ވަނަ ގުރޫޕުގެ ފުރަތަމަ ބެޗުގައި ހިމެނޭ އިންޑިއާ ރައްޔިތުން އައި.އެން.އެސް ޖާލަޝްވާއަށް ބޯޑު ކުރަން ފަށާފައިވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 09:00 ހާއިރުއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އިވަކުއޭޓް ކުރުމަށް ހިންގާ އޮޕަރޭޝަންގެ 2 ވަނަ މަރުހަލާގެ ތެރެއިން/ފޮޓޯ: އިންޑިއާ ހައި ކޮމިޝަން | ޓްވިޓާ

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން މި ހާއްސަ ހާލަތުގައި އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން އަނބުރާ ގައުމަށް ގެންދިއުމުގެ އޮޕަރޭޝަން އިންޑިއާ ސަރުކާރުން ކުރިއަށް ގެންދަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު މި ފެށުނީ މި އޮޕަރޭޝަންގެ 2 ވަނަ މަރުހަލާ ކަމަށް ޚަބަރު ލިބެއެވެ.

އައި.އެން.އެސް ޖާލަޝްވާ ރާއްޖެއިން ފުރާނީ މިރޭގެ ވަގުތެއްގައި ކަމަށްވާއިރު، މި މަނަވަރުގައި 700 އެއްހާ ރައްޔިތުން އެނބުރި ގައުމަށް ގެންދެވޭނެ ކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި 100 އެއްހާ އަންހެނުންނާ ކުޑަކުދިންވެސް ހިމެނޭ ކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އިވަކުއޭޓް ކުރުމަށް ހިންގާ އޮޕަރޭޝަންގެ 2 ވަނަ މަރުހަލާގެ ތެރެއިން/ފޮޓޯ: އިންޑިއާ ހައި ކޮމިޝަން | ޓްވިޓާ

އިންޑިއާގެ ކަނޑުގެ އަސްކަރީ މަނަވަރުގައި ގައުމަށް އަނބުރާ ގެންދާ ރައްޔިތުންނަކީ ހައި ކޮމިޝަނުގައި ދަފުތަރުކޮށް ގެންދާ މީހުންނެވެ. މި ހުރިހާ އެންމެންގެ މެޑިކަލް ޗެކަޕްތަކެއް ހަދާފައިވާކަމަށާ، މަނަވަރަށް ލަގެޖް ބަރުކުރަނީވެސް ސެނިޓައިޒް ކުރުމަށްފަހުގައި ކަމަށް ޚަބަރު ލިބެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އިވަކުއޭޓް ކުރުމަށް ހިންގާ އޮޕަރޭޝަންގެ 2 ވަނަ މަރުހަލާގެ ތެރެއިން/ފޮޓޯ: އިންޑިއާ ހައި ކޮމިޝަން | ޓްވިޓާ

އައި.އެން.އެސް ޖާލަޝްވާ ބަނދަރު ކުރަން ހަމަޖެހިފައިވަނީ މީގެ ކުރިން ފުރަތަމަ މަރުހަލާގައި އިވަކުއޭޓްކުރި 2 ބޯޓުވެސް ބަނދަރުކުރި ކޮޗިން ބަނދަރަށް ކަމަށް މައުލޫމާތު ލިބެއެވެ.