ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އާއިލާއަށް ނިސްބަތްވާ 5 ބޭފުޅަކު ރިސޯޓަށް ވަޑައިގަތީ ޓެގް ޓީމްގެ ހުއްދައާ އެކު ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ނަހުލާ އާއި އާއިލާ ބޭފުޅުންތަކެއް ސަންއައިލޭންޑަށް ވަޑައިގެން ކަމަށާއި އޭގެ ތެރޭގައި ޕޮޒިޓިވް ވެފައިވާ މީހުން ތިބިތޯ އެހި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ޓެގް ގެ ނިންމުމެއް އެކަމާ ގުޅިގެން ނެގިފައިވާ ކަމަށާއި އެއީ އިތުރަށް ނިންމި ނިންމުމަކަށް ވުރެ ބޮޑަށް، ރިސޯޓް ތަކުގެ އޯނަރުން ރާއްޖެއިން ބޭރުގައި ތިބެފައި ރާއްޖެއަށް ވަޑައިގެން އެ ރިސޯޓް ތަކުގައި ކަރަންޓީން ވެގެން ތިބޭ ގޮތަށް ނިންމާފައި އޮތް ނިންމުމަކާ އެއްގޮތަށް ކޮށްފައި އޮތް ކަމެއް ކަމަށެވެ.
ބޭރުގެ އޯނަރުންނަށް ކަން ކުރެވޭ ގޮތަށް ދިވެހި ރިސޯޓް ތަކުގެ އޯނަރުންނަށްވެސް ކަން ކުރެވޭ ކަމަށާއި އެ ބޭފުޅުންގެ ރިސޯޓްތަކުގައި ތިބެވިދާނެ ކަމަށް ޓެގް ޓީމުން ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތަށް ތިއްބަވާނަމަވެސް ހިނގާނީ އެއް ގަވައިދުތަކެއް ކަމަށް ވެސް ނިންމާފައި ވާ ކަމަށާއި އެގޮތުން 14 ދުވަހުގެ މުއްދަތު ހަމަ ކުރަން ޖެހޭނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން މަބްރޫކް ވިދާޅުވީ މިނިސްޓަރު ނަހުލާ އާއި އިތުރު ފަސް މީހުން އެ ރިސޯޓަށް ކަރަންޓީނަށް ވަޑައިގެން ކަމަށެވެ. ނަމަވެސް ކަރަންޓީނަށް ވަޑައިގަތީ ކޮންތާކު ތިބެފައި ކަމެއް ނުވަތަ އެ ދިޔަ މީހުންގެ ތެރޭގައި ޕޮޒިޓިވް މީހުން ތިބި ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތިގައި މިނިސްޓަރު ނަހުލާ އާއި މިނިސްޓަރުގެ އާއިލާއަށް ނިސްބަތްވާ މެންބަރުން ވަޑައިގެންފައި ވަނީ މާލެއިން "ވިލާރޯޅި 20" ލޯންޗުގައެވެ. ސަން އައިލޭންޑަށް ދިޔަ މީހުންގެ ތެރޭގައި، ނަހުލާގެ ކޮއްކޮ އަކާއި އޭނާގެ ފިރިމީހާވެސް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ނަހުލާއާއި އިތުރު ބަޔަކު ސަން އައިލޭންޑަށް ވަޑައިގަތުމާއެކު އެ ރިސޯޓުގައި ތިބި މުވައްޒަފުންގެ ތެރެއިން ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެމީހުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ބުނެފައެވެ.