ކޮވިޑް19 ގެ ސަބަބުން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދަރުވަރުންގެ ތެރެއިން ހާލުގައި ޖެހިފައިވާ ދަރިވަރުންނަށް ފައިސާގެ އެހީ ދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެކަމާ ގުޅިގެން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައި ވަނީ ދިވެހިރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލު ކުރަމުން ދާ ދަރިވަރުންނަށް ފައިސާގެ އެހީ ދެވޭނީ ޝަރުތުތައް ފުރިހަމަވާ ދަރިވަރުންނަށް ކަމަށެވެ.

ފައިސާގެ އެހީ ދޭއިރު ބަލާ ޝަރުތުތައް:

  • ދަރިވަރު ކިޔަވަމުންދާ ކޯހަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހަކަށް ވުން، ނުވަތަ އެ ކޯހަކީ ޕްރެކްޓިސް ކުރުމަށް ލައިސެންސެއް ދޭ ކޯހެއް ނަމަ، ކަމާބެހޭ އިދާރާއިން ޤަބޫލުކުރާ ކޯހެއްކަމުގައި ވުން.
  • ދަރިވަރު ފުރިހަމަ ކުރަމުންދާ ކޯހުގެ ހަރަދުތައް ހަމަޖައްސަމުން ދިޔައީ ސްޕޮންސަރެއްގެ އެހީއާއެކު ކަމުގައިވެފައި، ދަރިވަރަށް މާލީ އެހީދެމުންދިޔަ ފަރާތް ނުވަތަ ސްޕޮންސަރު ދެމުން ގެންދިޔަ، މާލީ އެހީގެ މިންވަރު މަދުކޮށްފައިވުން ނުވަތަ ކަނޑާލައިފައިވުން.
  • 1 މޭ 2020 ގެ ކުރިން ކިޔަވަން ފަށައިފައިވާ ދަރިވަރަކަށް ވުން
  • ދަރިވަރު ކިޔަވަމުން ދިޔައީ އަމިއްލަ ހަރަދުގައި ނަމަ، އެ ފަރާތުގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައި ވުމާއެކު، އިތުރު އެހެން މާލީ އެހީތެރިކަމެއް ނުވަތަ އަމިއްލައަށް ހަރަދު ހަމަޖެއްސޭނެ ގޮތެއް ނެތުން.
  • ކޮވިޑް19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު އެހެން އެއްވެސް ފަރާތެއްގެ ސްޕޮންސާގެ ދަށުން ދިރިއުޅުމުގެ އެލަވަންސް ލިބެމުންދާ ދަރިވަރެއްކަމުގައި ނުވުން.

އުސޫލުގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ސްކޮލާޝިޕެއްގައި ކިޔަވަމުން ދާ ދަރިވަރުންނަކީ، ނުވަތަ ލޯނުގެ އެހީގައި ކިޔަވަމުންދާ ދަރިވަރުންނަކީ، ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން މިހާރު ވެސް ފައިސާގެ އިނާޔަތް ލިބެމުންދާ ދަރިވަރުން ކަމަށް ވާތީ، މިފަދަ ދަރިވަރުންނަށް މި އުސޫލުގެ ދަށުން އެހީއެއް ނުލިބޭނެ ކަމަށެވެ.

ނަމަވެސް، ދިވެހި ސަރުކާރުގެ ސްކޮލާޝިޕެއްގައި ނުވަތަ ލޯނު އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ކޯސް ފުރިހަމަ ކުރުމަށް ފަހު، ނުވަތަ ތަމްރީނު ފުރިހަމަ ކުރުމަށް ފަހު، ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖެ ނާދެވިފައި ވާ ދަރިވަރުންނަށް، އެ އުސޫލުގެ ދަށުން އެހީއަށް އެދި ހުށަހެޅޭނެ ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައި ވާ އުސޫލުގައި ބުނެފައިވެއެވެ.

ފައިސާގެ އެހީ ހަމަޖައްސައި ދޭނީ، މި އުސޫލުގައި ބަޔާން ކޮށްފައި ވާ ހާއްސަ ފޯމު ފުރިހަމަ ކުރުމަށް ފަހު، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނަށް ހުށަހެޅުމުން، އެ ފޯމާއެކު ހުށަހަޅާ ލިޔުންތަކުން އެ ދަރިވަރަކީ އެ އުސޫލުގެ ދަށުން މާލީ އެހީ ލިބުމުގެ ހައްގު ދަރިވަރެއްކަން ސާބިތު ވާނަމައެވެ.

ފައިސާގެ އެހީ ޖަމާކޮށް ދެވޭނީ ދިވެހިރާއްޖޭގައި ގާއިމު ވެފައިވާ ބޭންކެއްގައި ދަރިވަރުގެ ނަމުގައި ނުވަތަ ދަރިވަރުގެ ފަރާތުން ކަނޑައަޅާ ފަރާތެއްގެ ނަމުގައި ހުޅުވައިފައި ވާ ދިވެހި ރުފިޔާ އެކައުންޓަކަށެވެ. މި އުސޫލުގެ ދަށުން އެހީ ދެވޭނީ، މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެންމެ ގިނަވެގެން ދެ މަސްދުވަހުގެ މުއްދަތަށެވެ.

ސަރުކާރުން އަންނަނީ ކޮވިޑް19 ގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އަދި ކޮވިޑް19 ގެ ސަބަބުން ވިޔަފާރި ތަކަށް ކޮށްފައިވާ އަސަރުތަކަށް ބަލާ އެފަރާތް ތަކަށް ވެސް ސަރުކާރުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން ވިޔަފާރި ތަކަށް އެހީވުމަށް ސަރުކާރުން ވަނީ ރިލީފް ޕެކޭޖެއް ތައާރަފު ކޮށްފައެވެ.