ރާއްޖެއިން ލިބެން ނެތް "ކްރިޓިކަލް މެޑިސިން"ގެ ގޮތުގައި ހިމެނޭ ބޭހުގެ ބައެއް ބާވަތްތައް ހޯދަން ބޭނުންވާ ފަރާތްތަކަށް، އެބޭސްތައް ހޯދުމުގައި ފޮރިން މިނިސްޓްރީއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެ މިނިސްޓްރީން ބުނީ، ކޮވިޑް-19 ގެ ސަބަބުން މި ސަރަހައްދުގެ ގިނަ ގައުމުތަކެއް ލޮކްޑައުންގައި އޮތުމުން ކޮންމެހެން ހޯދަން ޖެހޭ "ކްރިޓިކަލް މެޑިސިން" ހޯދަން ބޭނުންވާ ފަރާތްތަކުން، އެބޭސްތައް އިންޑިއާ، ތައިލެންޑް އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކަށް ގެންގޮސްދިނުމުން، އެބޭސްތައް ރައްދުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ކަމާ ބެހޭ އެހެން އިދާރާތަކުން ގުޅިގެން ދަނީ ކުރަމުން ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް، މި ގައުމުތަކުގައި ގާއިމްކޮށްފައިވާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭސްތައް ބޭސް ސިޓީތަކާއެކު ގެންގޮސްދިނުމުން، ރާއްޖެ ގެނެސް، ވެރިފަރާތާ ހަވާލުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓަރީން ބުނީ މިހާތަނަށް 78 ފަރާތަކަށް ކޮންމެހެން ބޭނުންވާ ބޭސްތައް، ރައްޖެއިން ނުލިބިގެން ރާއްޖެއިން ބޭރުން ގެނެސްދީފައިވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ބޭސްތައް ގެންނަން ބޭނުންވާ ފަރާތްތަކުން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭސްތައް ހަވާލުކުރާއިއިރު، ޕެކިންގެ ރައްކާތެރިކަން ކަށަވަރުކުރަން ވާނެ ކަމަށެވެ. އަދި އެކަކަށް ފޮނުވާ ބޭސް، އެހެން މީހެއްގެ ބޭހާ އެއްކޮށްފައި ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ކްރިޓިކަލް މެޑިސިން ގެނެސްދިނުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދު ވިދާޅުވީ، މި ހިދުމަތަކީ ލޮކްޑައުންގެ ސަބަބުން ދިވެހިންނަށް ކޮންމެހެން ބޭނުންވާ ހިދުމަތެއްކަމުން ފޮރިން މިނިސްޓްރީއިން ފޯރުކޮށްދެމުންދާ ހިދުމަތެއް ކަމަށެވެ. އަދި ރާއްޖެއިން ލިބެން ނެތް، ޒަރޫރީ ބޭސްތައް ރާއްޖެއަށް ގެނައުމަށްޓަކައި ބޭސް ގަންނަ ފަރާތުން އިންޑިއާ، ލަންކާ އަދި ތައިލެންޑްގައި ހުންނަ މިޝަންތަކަށް ގެންގޮސްދިނުމުން، އެތަކެތި ރާއްޖެއަށް ގެނެސް، ވެރިފަރާތާ ހަވާލު ކުރާނެ ކަމަށް ބަދޫރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިޝަންތަކަށް ބޭސް ހަވާލުކުރުމުގައި ބޭސް ބަންދުކޮށްފައި ހުންނަ ޕެކިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަވާލުކުރާ ފަރާތުގެ ޒިންމާއެއް ކަމަށާއި، ބޭސް ފޮނުވާއިރު އެކަކަށްވުރެ ގިނަ މީހުންނަށް ބޭނުންވާ ބޭސްތައް އެއް ޕެކިންއެއްގައި ނުބެހެއްޓުން މުހިއްމު ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދުގެ ހާލަތުގައި ރާއްޖެއިން ބޭރުން ދިވެހި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ބޭސްތައް ގެނެސް، އެބޭސްތައް ވެރި ފަރާތާއި ހަވާލުކުރުމުގައި، އެބޭހަކީ ރާއްޖެއިން ލިބެން ނުހުންނަ އަދި ޒަރޫރީ ބޭނުމަކަށް ބޭނުންވާ ބޭހަކަށް ވާން ޖެހެއެވެ. އަދި ބޭސް ސިޓީ ނެތް ބޭސްތައް މި އުސޫލުގެ ދަށުން ގެނެސްދޭ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

މިމަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި، ގައުމީ އެއާލައިން މޯލްޑިވިއަން އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެންނެވެ.