ކޮވިޑް-19 އަށް ޕޮޒިޓޮވްވި މީހުންގެ ތެރޭގައި ފްރޮންޓަލައިންގައި މަސައްކަތް ކުރާ 137 މީހުން ހިމެނޭ ކަމަށް ބުނެފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ދެއްވި ޕްރެޒެންޓޭޝަނުގައެވެ.
ޑރ. އަފްޒަލްގެ ގްރާފްތަކުން ދައްކާގޮތުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 137 މހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ގްރާފެކެވެ.
އެންމެ ގިނަ މީހުން އެއްފަހަރާ ޕޮޒިޓިވްވެފައި ވަނީ މި މަހުގެ 8 ވަނަ ދުވަހެވެ. އެދުވަހު އެކަނި ފްރޮންޓްލައިންގައި މަސައްކަތް ކުރާ 47 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު 22 ފްރޮންޓްލައިން ވޯކަރުން ޕޮޒިޓިވްވެފައިވާއިރު، މި މަހުގެ 10 ވަނަ ދުވަހު 15 އޮފިސަރަކު ވަނީ ޕޮޒިޓިވްވެފައެވެ.
ފްރޮންޓްލައިންގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އެންއީއޯސީން ވަނީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށް ވާތީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ ސިފައިންނާ ފުލުހުންގެ އަދަދުތައް ވަކިވަކިން ހާމަނުކުރާނެ ކަމަށް ބުނެފައެވެ. އަދި ނަންބަރުތަައް ހާމަކުރާނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ މުޅި ޖުމްލަ އެއްކޮށް ކަމަށް އެންއީއޯސީންބުނެއެވެ.
ފްރޮންޓްލައިން ވޯކާސްގެ ގޮތުގައި ބަލަނީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސަލާމަތީ ހިދުމަތްތަކާއި ޕޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެވެ.