ޅ. ފުށިފަރުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީގެ އެމްއެންޑީއެފްގެ ކޮމާންޑަރަކަށް ކެޕްޓަން ހަނާ މުހައްމަދު ހަމަޖެހުމަކީ ފަހުރުވެރިވެ ވަޑައިގަންނަވާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިއާ ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދޭ ކަަމަށެވެ. އެހެންކަމުން މިވަގުތު ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ޅ. ފުށިފަރުގައި ގާއިމް ކޮށްފައިވާ ކަރަންޓިން ފެސިލިޓީގެ ކޮމާންޑަރަށް ކެޕްޓަން ހަނާ ހަމަޖެހިގެން ދިއުމަކީ އެކަމާ ފަހުރުވެރިވެ ވަޑައިގަންނަވާ ކަމެއް ކަމަށް މާރިއާ ފާހަގަ ކުރެއްވިއެވެ.

އަދި ކެޕްޓަން ހަނާއަށް އެ މަގާމް ލިބިވަޑައިގަތުމުން މިނިސްޓަރު މާރިއާ ވަނީ ހަނާއަށް މަރުހަބާ ދަންނަވާފައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ މިއީ، ކަރަންޓީނު ފެސިލިޓީއެއްގެ ކޮމާންޑަރުގެ ޕޯސްޓަށް ސިފައިންގެ އަންހެން އޮފިސަރެއް ހަމަޖެހިގެން ދިޔަ ފުރަތަމަ ފަހަރު ކަަމަށެވެ. އަދި މިންތީގެ ހަމަހަމަ ކަމާއެކު ސިފައިންގެ އިން ހިންގާ އޮޕަރޭޝަންތަކުގައި ހުރިހާ ސިފައިން ހަރަކާތްތެރި ވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ކެޕްޓަން ހަނާގެ އިތުރުން އޭނާގެ ފިރިމީހާ ކެޕްޓަން މޫސާ ރަމީޒަކީ ވެސް ރ. ފުރަވެރި ކަރަންޓީން ފެސިލިޓީގެ ކޮމާންޑަރެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ފުށިފަރު ފެސިލިޓީގެ ކޮމާންޑަރަަކަށް ކެޕްޓަން ހަނާ ހަމަޖައްސާފައިވާ އިރު، އޭނާގެ ފިރިމީހާ ކެޕްޓަން ރަމީޒް އަކީވެސް ފުރަވެރި ކަރަންޓީން ފެސިލިޓީގެ ކޮމާންޑަރެވެ. އަދި އެ ދެބޭފުޅުންނަކީ 40 އަހަރު ދުވަހުގައި އެމްއެންޑީއެފްގައި ހިދުމަތް ކުރެއްވި ދެބޭފުޅުން ވެސް މެއެވެ.

ކޮވިޑް19 އާ ގުޅިގެން ގާއިމު ކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި ސެކިއުރިޓީ ކަންކަން ބަލަހައްޓަނީ ސިފައިންނާއި ފުލުހުންނެވެ.