މާލެ ލޮކްޑައުން ކުރި އިރު މާލޭގައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ދާން ބޭނުންވާ މީހުން ކަރަންޓީނު ކުރަން އިތުރު ތިން ރިސޯޓު ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރައްޔިތުން ކަރަންޓީނު ކުރުމަށް ހދ. އާއި ފ. އަދި މ. އަތޮޅުގައި ކަރަންޓީން ފެސިލިޓީ ހަމަޖެހިފައިވާ ކަމަށެވެ. އަތޮޅު ތެރެއަށް ބަލި ފެތުރުން ކުޑަ ކުރުމަށް މިއީ އުނދަގޫ ނަމަވެސް ނުހަނު ބޭނުންތެރިކަމެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މި ކަމުން އަރައިގަތުމަށް ކެތްތެރިކަމާ އެކު ހިތްވަރުގަދަ ކުރުމަށް މިނިސްޓަރު އެދިލައްވާފައި ވެއެވެ.
އެ ތިން އަތޮޅުން ކަރަންޓީން ފެސިލިޓީ ގޮތުގައި ހަމަޖައްސާފައި ވާ ރަށްރަށަކީ ހދ. ހޮނޑާފުއްޓާއި ފ. ފިލިތެޔޮ އަދި މ. މެދުފުށި ރިސޯޓެވެ.
މި ތިން ރިސޯޓުގެ އިތުރުން މިހާރު ވެސް އިތުރު ހަތަރު ރިސޯޓެއް އާންމު ރައްޔިތުން ކަރަންޓީނު ކުރަން ދަނީ ބޭނުން ކުރަމުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. އެއީ އައްޑޫ ހެރެތެރެ އާއި ދ. އިރުވެލި އާއި ޅ. ފުށިފަރު އަދި ރ. ފުރަވެރި އެވެ.
ރށްރަށަށް ދާން ބެނުންވެފައި ތިބި 5000 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓާ ކޮށްފައެވެ. އެގެތެރޭގައި މޭލެ ލޮކްޑައުންއަށް ދިޔަ ވަގުތު ބޭސްފަރުވާއަށް މާލޭއަށް އައިސް ތިބި މީހުންނާއި ރިސޯޓުތަކުން އައިސް ތިބި މީހުންނާއި އާމްދަނީ ކުޑަވެ ނުވަތަ ނުލިބުމުގެ ސަބަބުން މާލޭގައި އުޅެން ދަތިވެފަިއވާ އާއިލާތައް ހިމެނެއެވެ.
އެގޮތުން މީގެ ކުރިން ރަށްރަށަށް ދާން ބޭނުންވެގެން ރަޖިސްޓާ ކުރި މީހުންގެ ތެރެއިން 333 ފަރާތެއް ވަނީ ކަރަންޓީން ކުރެވިފައެވެ. އޭގެތެރޭގައި ރިސޯޓް ކަރަންޓީނަށް 308 މީހަކު ވަނީ ގެންދެވިފައެވެ. އަދި ހުޅުމާލޭގެ ފެސިލިޓީއެއްގައި 17 މީހަކު ވެސް ވަނީ ކަރަންޓީން ކުރެވިފައެވެ. އަދި ކަރަންޓީނަށް ގެންދިޔަ މީހުންގެ ތެރެއިން 8 ފަރާތެއް ކަރަންޓީން މުއްދަތް ފުރިހަމަ ކުރުމަށްފަހު ވަނީ ދޫކޮށްލެވިފައެވެ.
މީގެ އިތުރުން މާލޭގައި ތިބި އިތުރު 500 މީހުން ކަރަންޓީން ފެސިލިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މާލޭގައި ތާށިވެފެފައި ތިބި މީހުން ކަރަންޓީން ކުރަން އިތުރު ރިސޯޓްތަކެއް ހަމަޖައްސައިފައި ވާއިރު ލޮކްޑައުންގެ މުއްދަތު މިމަހުގެ 28 ގެ ނިޔަލަށް މިހާރު ވަނީ އިތުރު ކޮށްފައެވެ.
މިހާތަނަށް ރާއްޖޭގައި 955 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.