ކޮވިޑް-19 ފެތުރެމުން ދާތީ މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވެ މަގުމައްޗަށް ނުކުންނަ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހެއް މައްޗަށެެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ހައްޔަރުކޮށް މިއަދާ ހަމައަށް ޖުމްލަ 207 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައި ވަނީ 114 މީހުން ކަމަށާއި އަދި ހައްޔަރު ކޮށްފައި ވަނީ 10 މީހުން ކަމަށެވެ. އެހެންކަމުން މިހާރު ހައްޔަރު ކުރި މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު 207 އަށް އަރާފައި ކަމަށް ފުލުހުން ބުނެއެވެ.

ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ.

ލޮކްޑައުންގެ އަމުރާ ހިލާފުވެގެން އިއްޔެ 124 މީހަކަށް ފިޔަވަޅު އަޅާފއިވާ އިރު މިދިޔަ އަންގާރަ ދުވަހު ފިޔަވަޅު އަޅާފައި ވަނީ 155 މީހުންނަށެވެ. ހަމައެއާއެކު ލޮކްޑައުންގެ އަމުރާ ހިލާފް ވެގެން މިދިޔަ ހޯމަ ދުވަހު 143 މީހަކަށާއި މިދިޔަ އާދިއްތަ ދުވަހު 157 މީހަކަށާއި އަދި މިދިޔަ ހޮނިހިރު ދުވަހު 210 މީހަކަށް ފިޔަވަޅު އަޅާފައިވެއެވެ. މިދިޔަ ހުކުރު ދުވަހު 229 މީހަކަށް އަދި ބުރާސްފަތި ދުވަހު 140 މީހަކަށް ވަނީ ފިޔަވަޅު އަޅާފައެވެ.

ހާއްސަ ހުއްދައެއް ނަަގައިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. ސިއްހީ މާހިރުން ގޭގައި ތިބުމަށް ނަސޭހަތް ދެމުން އަންނަ އިރު ރާއްޖޭގައި މިހާރު މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 955 އަށް އަރާފައެވެ.