ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން ބައެއް ގައުމުތަކުގައި ކުޑަކުދިންނަށް، ވަރަށް މަދުން ނޫނީ ނުޖެހޭ ޒާތުގެ އިންފްލަމޭޓަރީ ބައްޔެއް ޖެހެމުން ދާކަމަށް ރިޕޯޓް ކުރަމުން އެބަދެއެވެ.

އިންފްލަމޭޓަރީ ޑިޒީޒް އަކީ ބައެއް ކަހަލަ އިންފެކްޝަން ތަކާ ވައިރަސް ތަކާ ގުޅިގެން މެދުވެރިވާ ހާލަތަކެވެ.

މިހާތަނަށް މިފަދަ ކޭސްތައް ރިޕޯޓް ކުރަމުން ދާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް އަދި އިޓަލީވިލާތް ހިމެނެއެވެ. މިއީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަން އޭގެ އެންމެ ސީރިއަސް ދަރަޖާގައި ފެތުރިފައިވާ ގައުމުތަކެވެ.

މި ބަލީގެ އަލާމާތްތައް އެންމެ އެއްގޮތީ، ޓޮކްސިކް ޝޮކް ސިންޑްރޯމްގެ އަލާމާތް ތަކާއެވެ.

އިނގިރޭސިވިލާތަށް ބަލާއިރު 100 އެއްހާ ކުދިންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެނިފައި ވާއިރު، ބައެއް ކުދިންނަށް އިންޓެންސިވް ކެއާ ޔުނިޓްގައިވެސް ފަރުވާ ދޭންޖެހިފައި އެބަހުއްޓެވެ. އަދި އަނެއް ބައި ކުދިން ވަރަށް އަވަހަށް ރަނގަޅުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އިނގިރޭސިވިލާތުގައި އެޑްމިޓް ކުރެވުނު ބައެއް ކުދިންގެ ކިބައިން ފެނުނު ބައެއް އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުން، ގައިގެ ތަންތަން ރަތްވެ ރޭޝްއަކަށް ވުން، ލޯ ރަތްވުން، ދުޅަވުން އަދި ގައިގައި ރިއްސުން ފަދަ އާލާމާތްތައް ހިމެނެއެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މި އަލާމާތްތައް އެންމެ އެއްގޮތީ އުމުރުން 5 އަހަރުން ދަށުގެ ކުދިންނަށް ޖެހޭތީ މިހާރު މަދުން ނޫނީ ނުފެންނަ ކަވާސާކީ ޑިޒީޒް ޝޮކް ސިންޑްރޯމް އާއެވެ. ކަންމިހެން އޮތް ނަމަވެސް، ކޮވިޑް-19އާ ގުޅިގެން، އުމުރުން 16 އަހަރުގެ ކުދިންގެ ހަށިގަނޑުންވެސް މިފަދަ އާލާމާތްތައް ފެންނަ ކަމަށް ދަނީ ރިޕޯޓް ކުރަމުންނެވެ.

ސިއްހީ ތަޖުރިބާކާރުން ބުރަވާ ގޮތުގައި މިކަމަކީ ކޮވިޑް-19އާ ގުޅިގެން ހަށިގަނޑުން އެންޓިބޮޑީޒް އުފެއްދުމާ ގުޅުން ހުރި ކަމެކެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އަދިވެސް ގިނަ ކަންތައްތަކެއް ދަސްކުރަން އެބަހުރިކަންވެސް ޑޮކްޓަރުން ފާހަގަ ކުރައްވައެވެ.