ހިނގަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަމަށް ފަހު މުސްލިމުންނާ ބައްދަލުކުރާ ފިތުރު އީދުގެ ބަންދު ދުވަސްތަކުގައި މުޅި ސައުދީ އަރަބިއްޔާގައި ކާފިއު އިއުލާން ކުރުމަށް އެގައުމުން ނިންމައިފިއެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން، ފިތުރު އީދު ބަންދުގެ 5 ދުވަހުގެ 24 ގަޑިއިރު، މުޅި ސައުދީ އަރަބިއްޔާގައި އޮންނާނީ ކާފިއު އިއުލާން ކޮށްފައެވެ.
ސައުދީގެ ރަސްމީ ޕްރެސް އޭޖެންސީއިން އާންމު ކުރި ބަޔާނެއްގައި އެގައުމުގެ ދާހިލީ ވުޒާރާއިން ބުނެފައިވަނީ މެއި 23 ވަނަ ދުވަހުން ފެށިގެން މެއި 27 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުގައި ފުރިހަމަ ލޮކްޑައުން އަމުރެއް ތަންފީޒު ކުރާނެ ކަމަށެވެ.
އެ ދުވަހާ ޖެހެންދެން ފިހާރަތަކާ ވިޔަފާރިތައް މިހާރުވެސް ހުޅުވާ އުސޫލުން ހުޅުވައިގެން އާންމު ހިދުމަތްތައް ދެވޭނެ ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްރަކުން ބުނެއެވެ. މިހާރުވެސް ފުލް-ކާފިއުއެއްގައި އޮތް މައްކާއާއި މަދީނާ ފިޔަވާ އެހެން ހުރިހާ ސިޓީއެއްގައި އާންމުންނަށް މަގުތަކަށް ނިކުމެއުޅެވޭ ވަގުތެއް ކަމުގައި ހަމަޖައްސާފައިވަނީ ސައުދީ ގަޑިން ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 އިން އެދުވަހުގެ ހަވީރު 05:00 ގެ ނިޔަލަށެވެ.
ގަލްފް ސަރަހައްދަށް ބަލާއިރު ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރިޕޯޓް ކުރަމުންދަނީވެސް ސައުދީ އަރަބިއްޔާއިންނެވެ. އެގައުމުގެ އަދުގެ ހާލަތަށް ބަލާއިރު، 44830 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 26935 ކޭހެއް ރެކޯޑްކޮށްފައިވާއިރު 147 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. ސައުދީއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 17622 މީހަކަށް ޝިފާ ލިބި، ބަލިން ރަނގަޅު ވެފައި ވެއެވެ. އަދި މި ބަލީގައި އެގައުމުން 273 މީހެއްގެ ފުރާނަ ގެއްލިފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
ސައުދީ އަރަބިއްޔާއިން ދަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މާޗް މަހު ސައުދީ އިން ވަނީ އުމްރާ ދަތުރުތައް މެދުކަނޑާލާފައެވެ. ކަންމިހެން އޮތް އިރު، މިއަހަރުގެ ޙައްޖުގެ އަޅުކަމާ މެދު އެގައުމުން ނިންމާ ފަހުގެ ނިންމުން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.