ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަކީ ފަހަރެއްގައި ދުވަހަކުވެސް ފިލާ ނުދާނެ ރޯގާއަކަށް ވުން އެކަށިގެންވާކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ދީފިއެވެ.
ބުދަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑަބްލިއު.އެޗް.އޯގެ އެމާޖެންސީ ޑައިރެކްޓާ ޑރ މައިކް ރާޔަން ވަނީ، ކޮވިޑް-19ގެ ބަލި މުޅި ދުނިޔެއިން އެކީ އެކައްޗަކަށް ފިލާ ހިނގައިދާނެ ދުވަހެއް ލަފާކުރުމާ ދެކޮޅަށް އިންޒާރު ކުރައްވާފައެވެ.
ވެކްސިންއެއް ލިބުނު ކަމުގައި ވީ ނަމަވެސް، ކޮވިޑް-19 ކޮންޓްރޯލް ވާނީ "ފިސާރީ ވަރުގަދަ" މަސައްކަތްތަކެއް ކޮށްގެން ކަމަށް ޑރ ރާޔަން ވަނީ ވިދާޅުވެފައެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ޑރ ރާޔަން ވިދާޅުވީ، ފަހަރުގައި ވާ ގޮތުން ކޮވިޑް-19އަކީ އާންމުންގެ ތެރެއިން ދޭތެރެ ދޭތެއިން ފެންނަ އެންޑަމިކް އަކަށްވެސް ވެދާނެ ކަމަށާ، މިއީ އަބަދުގެ އަބަދަށް ނައްތާ ނުލެވިދާނެ ބައްޔަކަށްވެސް ވެދާނެ ކަމަށެވެ.
މިކަމަށް މިސާލެއްގެ ގޮތުގައި ޑރ ރަޔާން ބަޔާން ކުރެއްވީ އެޗް.އައި.ވީގެ ވާހަކައެވެ. އެގޮތުން އެޗް.އައި.ވީ މުޅިން ފިލުވާ ލެވިފައި ނުވި ނަމަވެސް، އިންސާނުން މިހާރު ދިރިއުޅެމުންދަނީ އެ ވައިރަހާ އެކު 'ސުލްހަ' ވެގެން ކަން ޑރ ރާޔަން ވަނީ ފާހަގަކުރައްވާފައެވެ.
ކަންމިހެން އޮތްއިރު، ކޮވިޑް-19ގެ ބަލި މުޅިން ނެތިގެންދާނެ ދުވަހެއް އެއްވެސް މީހަކަށް ލަފާކުރެވިދާނެ ގަބޫލު ނުކުރައްވާ ކަމަށްވެސް ޑރ ރާޔަން ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19އިން ދިފާއުވުމަށް 100 އަށްވުރެ ގިނަ ވެކްސިން ތަރައްގީ ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، މިހާރުވެސް ވެކްސިން ލިބިފައިވާ ހިމަބިހި ފަދަ ބަލިތައް މުޅިން ފިލާ ގޮސްފައި ނުވާކަން ޑރ ރާޔަން ވަނީ ފާހަގަކުރައްވާފައެވެ.
ޑަބްލިއު.އެޗް.އޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، މަސައްކަތްތަކެއް ކޮށްގެން ކޮވިޑް-19 ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ. ކޮވިޑް-19ގެ ކާވް ދާ ގޮތުގެ ކޮންޓްރޯލް އޮތީ އަޅުގަނޑުމެންގެ އަތުގައި ކަމަށާ، މިކަމުގައި އެންމެންގެ މަސްލަހަތު އެކުލެވޭ ކަމަށާ، ހުރިހާ އެންމެނަކީވެސް މި ބަލިމަޑުކަމުން އަރައިގަތުމަށް އެހީވެދޭން ޖެހޭނެ ބައެއްކަމަށް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.
ކަންމިހެން އޮތްއިރު ޑަބްލިއު.އެޗް.އޯގެ އެޕިޑޮމޮލޮޖިސްޓް ޑރ މާރިއާ ވެން ކެރްކޯވް ވިދާޅުވީ، މި ބަލިމަޑުކަމުގައި ދުވަސްތަކެއް ހޭދަކުރަންޖެހިދާނެ ކަން މިހާރު ހިތާ ސިކުނޑިންވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 213 އަށްވުރެ ގިނަ ގައުމާ ސަރަހައްދުން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކޮށްފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 4.4 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 2.4 މިލިއަނަށްވުރެ ގިނަ މީހުން ރެކޯޑްކޮށްފައިވާއިރު 45921 މީހެއްގެ ހާލު ސީރިއަސް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1.6 މިލިއަން މީހަކަށް ޝިފާ ލިބި ބަލިން ރަނގަޅުވެފައިވެއެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު 3 ލައްކައާ ގާތް ކުރަނީއެވެ.