ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް، އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިގެންވާ ބާރުގެ ދަށުން އިތުރު ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ސޮއެކުރައްވާ މިއަދު ނެރުއްވި އެންގުމުގައި ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަަމަށެވެ.

ލޮކްޑައުން އަމުރުގެ ދަށުން ހުއްދަ ނެތި މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން ވެސް މަނާ ވާނެއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ކަމަށް ވާ، ބަހާއި ފެރީ ގެ ހިދުމަތް ދިނުން އަދި މާލެ ހުޅުމާލެ ވިލިމާލެ ތިލަފުށި ގުޅީފަޅަށް މީހުން އަރައި ފޭބުން ވެސް މަނާވާނެއެވެ.

މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް ވަނީ އަންގާފައެވެ.

ލޮކްޑައުންގެ ފިޔަވަޅުތަކުން އިސްތިސްނާ ވާނެ ފަރާތްތަކަކީ؛

  • ސިފައިންނާއި ފުލުހުން
  • ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އެމްބިއުލާންސް
  • ނެޝާނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް
  • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީޑިއާތައް

މާލެ ސަރަޙައްދުގައި ކޮވިޑު-19 ފެތުރޭ ހާލަތަށް ރިއާޔަތް ކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ފެންނަ ހާލަތުގައި، މާލޭގެ މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރުކުރުމަށް ނިންމި ނިންމުމަށް ބަދަލުގެނެސް، ލުއިތަކެއް ގެނެވޭނެ ކަމަށް ވެސް އެ އެންގުމުގައި ބުނެއެވެ.

މިހާރު އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވާނީ، މާދަމާގެ ނިޔަލަށެވެ.