ކޮވިޑަށް ޕޮޒިޓިވް ހަތް މީހަކު ފިލި، އަދިވެސް 3 މީހުން ނުފެންނަކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ފިލައިގެން އުޅެނީ ބިދޭސީންނެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޕޮޒިޓިވް ވި 7 މީހަކު ގުޅޭނެ ގޮތް ނުވެގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އެ ހަތް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކޮންޓެއިންމަންޓު ސައިޓުތަކުގައި އުޅެމުން ދިޔަ މީހުން ކަމަށާއި ބާކީ ތިބި ތިން މީހުންނަކީ އެހެން ތަފާތު އެޑްރެސްތަކުގައި އުޅެމުން ދިޔަ މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެޗްޕީއޭ އިން ފުލުހުންނަށް އެކަން އެންގުމާ އެކު މިހާތަނަށް ހަތަރު މީހަކު ހޯދާފައިވާ ކަމަށާއި އަދި ތިން މީހަކު ނުފެނިވާ ކަމަށް ފުލުހުންނާއި ހަވާލާދީ މަބްރޫކް ވިދާޅުވިއެވެ.

މިފަދަ ކޭސްތަކުގައި އަމަލު ކުރާ ގޮތަކީ އެޗްޕީއޭގެ ފަރާތުން އެކަން އެންފޯސް ކުރުމަށްޓަކައި ފުލުހުންނަށް އެ މައުލޫމާތުތައް ދެމުން ގެންދާ ކަމަށާއި އަދި ފުލުހުންނަށް ވެސް އެމީހުން ނުފެނިއްޖެ ނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެބައެއްގެ ޒާތީ މައުލޫމާތު ހާމަ ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދާދިފަހުން އައްޑޫ ސިޓީ ހެރެތެރެ ކަރަންޓީން ފެސިލިޓީއަކުން ފަސް ދިވެއްސަކު ވެސް ވަނީ ފިލާފައެވެ. ނަމަވެސް ފަހުން އެމީހުން ފުލުހުން ވަނީ ހޯދާފައެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތުވެސް ވަނީ އިތުރުކޮށްފައެވެ.

މި މީހުން ފިލިތާ ހަފްތާއެއް ވާން ކައިރިވެފައި ވާއިރު މިމީހުން ފިލުމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންވެސް، އެޗްޕީއޭއިންވެސް މީޑިއާއާ ހިއްސާ ނުކުރެއެވެ.