ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރޯދަ ވިއްލުމެއް ދިނުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާލައިފިއެވެ.

އައިއޭސީއިން މައުލޫމާތު ދޭގޮތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް އައިއޭސީއިން އެހީވުމަށް ކަނޑައަޅާފައިވާ ހަ ގައުމުގެ ތެރެއިން ކޮންމެވެސް އެއް ގައުމެއްގެ އެންމެ މަދުވެގެން 50 ފަރާތެއްގެ އެއް ދުވަހުގެ ރޯދަ ވިއްލުމެއް ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އައިއޭސީއިން ރޯދަ ވިއްލުމުގެ ޕެކޭޖްތައް ތައްޔާރު ކުރަނީ އެހީ ވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދަކަށް 100 މީހުންނަށް ވާވަރަށް އިފްތާރު ޕެކޭޖް ހަމަވުމުންނެވެ. މީގެ އިތުރުން، ރޯދަ ވީއްލުން ހަދިޔާކުރުމުގެ ޑޮނޭޝަން ނަގަނީ މަދުވެގެން 50 ފަރާތެއްގެ ރޯދަ ވީއްލުން ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުގެ ފަރާތުންކަން އައިއޭސީއިން ހާމަކުރެއެވެ.

އިފްތާރު ޕެކޭޖް ހަދިޔާކުރުމާއި ބެހޭގޮތުން މައުލޫމާތު ދެމުން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ހެޑް މުހައްމަދު އަލީ ބުނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑަމިކް ހާލަތާއި ގުޅިގެން ވަރަށް އުނދަގޫ ހާލަތެއްގައި ގިނަ ބަޔަކު ދިރިއުޅެމުން ދާއިރު، މީގެ ކުރިން އެތައް އަހަރެއް ވަންދެން ހަމަނުޖެހުމާއި ފަގީރު ހާލަތުގައި ދިރިއުޅެމުން ދިޔަ ފަރާތްތަކުން މިއަދު އުޅެމުން ދަނީ މާ ދަތި ހާލަތެއްގައި ކަމަށެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރޯދަ ވިއްލުން ދެނީ

މީގެއިތުރުން، އެހެން އަހަރުތަކޭ އެއްގޮތައް ރަމަޟާން މަހާއި ދިމާކޮށް ކުރިޔަށް ގެންދާ ލޯތްބާއެކު ކެމްޕޭނު މި އަހަރު އަމާޒު ކޮށްފައި ވަނީ ދުނިޔަށް ކުރިމަތި ވެފައިވާ ޕެންޑަމިކް ހާލަތާ ގުޅިގެން ކަމަށް ވުމާއެކު، މިއަހަރުގެ ކެމްޕޭން ކުރިޔަށް ގެންދަނީ ލޯތްބާއެކު 2020 ޕެންޑަމިކް ރިލީފްގެ ނަމުގައި ކަން އޭނާ ބުނެއެވެ.

އިފްތާރު ޕެކޭޖް ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކުން އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 އަށް ގުޅައިގެންނާއި އައިއޭސީގެ އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.

އައިއޭސީއިން އިފްތާރު ޕެކޭޖް ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދަނީ މި ރަމަޟާން މަހު ފަގީރުންނަށް އެހީވުމުގައި ގިނަ ބަޔަކު ޝާމިލް ކުރުމުގެ ބޭނުމުގައެވެ. ދުނިޔޭގެ ހާލުގައި ޖެހިފައިވާ ޤައުމުތަކުގެ މީހުންނައް އިފްތާރު ޕެކޭޖު ހަދިޔާ ކުރުމަށް އައިއޭސީއިން އިންޓަނޭޝަނަލް ރިލޭޝަން ހެޑް ދިވެހި ރައްޔިތުންނަށް ވަނީ ގޮވާލައިފައެވެ.

މިހާތަނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ ފަރާތުން ވަނީ ތުރުކީގެ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ ސީރިއާގެ ރެފިއުޖީންނަށް 500 އިފްތާރު ޕެކޭޖް ހަދިޔާ ކޮށްފައެވެ. މި 500 އިފްތާރު ޕެކޭޖަކީ ދިވެހިން ތަކެއްގެ ހެޔޮއެދުމާއެކު ހަދިޔާ ކޮށްފައިވާ ޕެކޭޖް ތަކެކެވެ. އައިއޭސީއިން ކުރިޔަށް ގެންދާ ލޯތްބާއެކު 2020 ޕެންޑަމިކް ރިލީފް ކެމްޕޭނަށް ގިނަ ބަޔެއްގެ ތަރުޙީބު ލިބިފައި ވާއިރު، މި ކެމްޕޭނުގެ ތެރެއިން ޖުމުލަ 60 ޑޮލަރަަށް 6 މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާ ފަވެއެވެ.