ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް އިތުބާރު ބޮޑު ފަރުވާއެއްގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ ރެމްޑެސިވިއާ އުފެއްދުމަށް 5 ކުންފުންޏަކާއެކު ގިލިއަޑް ސައެންސަސް އިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުން 127 ގައުމަކަށް ރެމްޑެސިވިއާ ޑްރަގް ފޯރުކޮށްދިނުމަށް އެހީވެދޭނެ ނިންމުމެއް ކަމަށް މައުލުމާތު ލިބެއެވެ. މިދަނޑިވަޅަކީ، އެކަށީގެންވާ މިންވަރެއްގައި ބައިނަލްއަގުވާމީ ބާޒާރަށް ރެމްޑެސިވިއާ ފޯރުކޮށްދެވިދާނެ ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްވެސްމެއެވެ.
ރެމްޑެސިވިއާ އުފެއްދުމަށް ގިލިއަޑް ސޮއިކުރި ޖެނެރިކް ޑްރަގް އުފައްދާ ކުންފުނިތަކުގެ ތެރޭގައި އަވަށްޓެރި ޕާކިސްތާނާ އިންޑިއާގެ ކުންފުނިތަކެއްވެސް ހިމެނެއެވެ. މި އެއްބަސްވުމަކީ ދަށް އަދި މެދު ފަންތީގެ ގައުމުތަކަށް ޑްރަގް ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށް ގިލިއަޑްއިން ވަނީ ބުނެފައެވެ.
ގިލިއަޑާއެކު އެއްބަސްވުމަކަށް އައި ކުންފުނިތަކަކީ މި ޑްރަގް އުފެއްދުމަށް ގިލިއަޑްއަށް ރޯޔަލްޓީ ދަށްކަން ޖެހޭނެ ކުންފުނިތަކެއް ނޫންކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ނުވަތަ ވެކްސިންއެއް އޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ކަނޑައަޅައިފި ނަމަ މިކަން ބަދަލުވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ގިލިއަޑް ކުންފުނިން ބުނީ މިހާރު ސްޓޮކްގައި ހުރި ގާތްގަނޑަކަށް 1.5 މިލިއަން ޑޯޒް ހިލޭ، ހަދިޔާ ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ. ކަންމިހެން އޮތް އިރު އެމެރިކާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ މީގެ 40 ޕަސެންޓްއަކީ އެމެރިކާއަށް ރިޒާވް ކޮށްފައިވާ ޝިޕްމަންޓްއެއް ކަމަށް ބުނެފައެވެ.
މީގެ އަހަރުތަކެއް ކުރިން ފެތުރުނު އެބޯލާ ރޯގާއަށް ހާއްސަކޮށްގެން އުފެއްދި އެންޓިވައިރަލް ޑްރަގެއް ކަމަށްވާ ރެމްޑެސިވިއާ ބޭނުންކޮށްގެން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ)އިން ކުއްލި ގޮތަކަށް ހުއްދަދިނީ މި މަހުގެ ކުރީކޮޅުގައެވެ.