ކޮވިޑް-19 ގެ ސަބަބުން މާލީ ހާލަތު ދަށްވެ ކުއްޔަށް ދިރިއުޅެމުން ދާ މީހުންގެ ތެރެއިން ކުލި ނުދެއްކޭ ހާލަތުގައި ތިބި މީހުނަށް ކުލި ކުޑަވާނެ ގޮތަކަށް ލުއިތަކެއް ހަމަޖައްސައި ދިނުމަށް ނިންމި އިޖުތިމާއީ ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އިގްތިސޯދީ ކޮމިޓީގެ ހުށަހެޅި ރިޕޯޓަށް ވޯޓަށް އެހުމުން އެ ރިޕޯޓު ފާސްކުރަން ފެންނަ ކަމަށް 66 މެންބަރުންގެ ވޯޓު ދެއްވާފައި ވެއެވެ. އަދި އެ ރިޕޯޓު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އިޖުތިމާއީ ކޮމިޓީގެ ރިޕޯޓުގައި ވަނީ އަމިއްލަ ފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކާއި ގެތަކުން ކުލި ކުޑަވާން ޖެހޭނެ ކަމަށާއި އެފަދަ ބަދަލެއް އަންނާނެ ގޮތަށް ލުއިތަކެއް ހަމަޖެއްސުމަށެވެ. އަދި ކުއްޔަށް އުޅޭ މީހުންގެ ތެރެއިން ކުލި ނުދެއްކޭ ހާލުގައި ތިބި މީހުން މަގުމަތިވިޔަ ނުދޭން ސަރުކާރާއި ލޯކަލް ކައުންސިލަތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

ހަމައެއާއެކު ޕެކޭޖް ދޭ ފަރާތްތަކުން އަމަލު ކުރާ ގޮތް ޖޮބް ސެންޓަރުތައް މެދުވެރިކޮށް ބަލަމުން ގެންދިއުމާއި މުވައްޒަފުންނާ މެދު އިހާނެތިކޮށް އަމަލުކުރާ ވިޔަފާރިތަކުން ޕެކޭޖުން ދޫކުރެވިފައި ވާ ފައިސާއިން ބައެއް ޖޫރިމަނާ ކުރުން ހިމެނެއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް އޮންލައިން ޕްރޮގްރާމްތަކާއި ޓެލެކްލާސްތައް ކުރިއަށް ގެންދިއުމާއި، މުއާސަލަތީ ކުންފުނިތަކާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން ދަރިވަރުންނަށް ހާއްސަ އިންޓަނެޓް ޕެކޭޖެއް ތައާރަފު ކުރުން ހިމެނެއެވެ. މީގެ އިތުރުން އެޗްޕީއޭގެ އިރުޝާދުގެ ދަށުން މެނުވީ މިސްކިތްތަކާއި ޕާކުތައް ފަދަ އާންމުން އެއްވާ ތަންތަން ހުޅުވާ ނުލުން ހިމެނެއެވެ.

މި ރިޕޯޓަށް މިއަދު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ދެ އިސްލާހެއް ހުށަހަޅުއްވާފައެވެ. އެއީ ކޮވިޑްގެ ސަބަބުން ދިރިއުޅުމުގައި އެކި ކަހަލަ ދަތިތައް ބައެއް އާއިލާތަކަށް ދިމާވަމުންދާ މި ދަނޑިވަޅުގައި ހުޅުމާލޭގައި އަލާފައިވާ 7000 ފްލެޓް އޭގެ ހައްގު ވެރިންނަށް ދިނުމަށާއި މާލޭގައި ކުއްޔަށް އުޅޭ ފަރާތްތަކުގެ ތެރެއިން ހާލުގައި އުޅޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެލަވަންސެއް ދިނުމެވެ.

މި އިސްލާހަށް ވޯޓަށް އެހުމުން ފެންނަ ކަމަށް 10 މެންބަރުން އަދި ނުފެންނަކަމަށް 51 މެންވަރުންގެ ވޯޓާއެކު އެ އިސްލާހު ވަނީ މަޖީލިހުން ބޭރުކޮށްލާފައެވެ.