ކޮވިޑް-19 އާ ގުޅިގެން މާލޭގައި ކުއްޔަށް އުޅޭ ފާރާތްތަކުގެ ތެރެއިން ކުލި ނުދެއްކޭ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި، އިޖްތިމާއީ ކޮމެޓީގެ ރިޕޯޓަށް ދެ ނުކުތާގެ އިސްލާހެއް ނައިފަރު ދާއިރާގެ މެންބަރު ވަނީ ހުށަހަޅުއްވާފައެވެ.

ޝިޔާމް ވިދާޅުވީ އިޖްތިމާއީ ކޮމެޓީން ދިރާސާ ކުރުމަށްފަހު ހުށަހަޅާފައިވާ ރިޕޯޓަށް ދެ އިސްލާހެއް އޭނާ ހުށަހަޅުއްވާ ކަަމަށެވެ. އެގޮތުން ފުރަތަމަ އިސްލާހަކީ ކޮވިޑް19 އާ ގުލީގެން ކުލި ދެއްކުމަށް ދަތިވެ އަދި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ހުޅުމާލޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅާފައިވާ 7000 ފްލެޓް އޭގެ ވެރިފަރާތަށް ވީ އެންމެ އަވަހަަކަށް ހަވާލުކޮށް ފްލެޓަށް ވަދެވޭވެނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދެވަނަ އިސްލާހެއްގެ ގޮތުގައި ޝިޔާމް ވިދާޅުވީ، މާލޭގައި ކުއްޔަށް އުޅޭ ފަރާތްތަކަށް ކުއްޔަށް އުޅުމުގައި ހުރި ދަތިތައް ފާހަގަކޮށް އެފަދަ ފަރާތްތައް ދެނެގެނެވި ކުލި ދައްކަން އެހީތެރިވުމުގެ ގޮތުން އެލަވަންސެއް ހަމަޖައްސައި ދިނުމަށް ކަމަށެވެ.

މި ދެ އިސްލާހަށް ވޯޓަށް އެހިއިރު އެއީ އެ ރިޕޯޓަށް ހުށަހެޅޭ އެއް އިސްލާހެއް ކަމަށާއި އެއް އިސްލާހުގެ ދެނުކުތާއެއް ގޮތަށް ބަލައި ވަނީ އެ ދެ ނުކުތާއަކަށް އެކީގައި ވޯޓަށް އަހާފައެވެ.

ޝިޔާމް ހުށަހެޅުއްވި އިސްލާހު ބަލައިގަތުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންފައި ވަނީ 61 މެންބަރުންނެވެ. އެ އިސްލާހު ބަލައިގަތުމަށް ފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވައި މި އިސްލާހު ވަނީ ބޭރުކޮށްލާފައެވެ.

ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބައެއް މީހުން ވަންނާނެ ތަނެއް ނެތި ކެއުން ބުއިމުގެ ކަންކަން ހަމަޖެހިފައި ނެތުމުގެ ސަބަބުން ދައުލަތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެޗްއާރްސީއެމް އިން ވަނީ އެތަންތަނުގައި ތިބި ފަސް މީހަކާއި ސުވާލުކޮށްފައެވެ. އެމީހުންނަށް ރަމަޟާން ލިބެންޖެހޭ އިނާޔަތެއް ނުލިބެއެވެ. އެހެންކަމުން އެމީހުން ކެއުން ބުއިމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

މިކަމާ ގުޅިގެން އެޗްއާރްސީއެމްއިން ކުރި ދިރާސާއިން ދައްކާ ގޮތުގައި މާލީ ދަތިކަމުގެ ސަބަބުން ކުލި ދެއްކޭނެ ފަދަ ހާލަތެއް ނެތުމުގެ ސަބަބުން 25 މީހަކު ގެއިން ނިކުތުމަށް އަންގާފައިވެއެވެ. އަދި ކުލި ނުދެއްކުމުގެ ސަބަބުން މިހާތަނަށް 12 މީހަކު ވަނީ ގެއިން ނެރެފައެވެ.