މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި "ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު" ބަލައިނުގަނެ އަނެއްކާވެސް ބޭރުކޮށްލައިފިއެވެ. މިފަހަރު ބިލް ބޭރުކޮށްލީ އެ ބިލަކީ ސައީދަށް ހުށަހެޅުއްވޭނެ ބިލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވަމުންނެވެ.

"އެއިރަކު ސަރުކާރެއްގައި ތިއްބަވާ ސަރުކާރު ހިންގަވާ ޕާޓީގެ ފަރާތުން [މާލިއްޔާގެ ބިލްތައް] ހުށަހެޅޭ ގޮތަށް މި މަޖިލީހުގެ ގަވައިދުގައި އޮތް މައްސަލައެއް މިއީ. އެހެންކަމުން އަޅުގަނޑަށް އިއްޒަތްތެރި މެމްބަރުގެ ބިލް ބަލައި ގަނެވެން ނެތް ވާހަކަ ހިތާމަޔާ އެކު ދަންނަވަން،"
ރައީސް ނަޝީދު

ރައީސް ނަޝީދު އެހެން ވިދާޅުވީ މަޖިލީހުން ފާސްކޮށްފައި އޮންނަ ގަވައިދަކާ ހަވާލާ ދީއެވެ. އެ ގަވައިދު ބުނާ ގޮތުން، މާލިއްޔަތާ ގުޅުން ހުންނަ ބިލުތައް ހުށަހެޅޭނީ ސަރުކާރުން ސްޕޮންސާ ކޮށްގެން ވެރިކަން ކުރާ ޕާޓީގެ މެންބަރަކަށެވެ.

ސައީދުގެ ބިލް ދެވަނަ ފަހަރަށް ބޭރުކޮށްލު ކޮށް އޭނާ ބިލަށް އިސްލާހު ގެންނަވައި އަލުން ހުށަހެޅުއްވިއެވެ. އެގޮތުން އިސްލާހު ކުރި މާއްދާތައް؛

  • 7 ވަނަ މާއްދާގައިވާ ދަނޑުވެރިބިންތަކުގެ ކުލީގެ 50 ޕަސެންޓް މާދުވުމުގެ ބައި ވަނީ އުނިކޮށް، އޭގެ ބަދަލުގައި މިހާރު ވާނީ ކުލި ފަސްކުރުމަށް ހުށަހެޅުން.
  • 8 ވަނަ މާއްދާގައިވާ ފަތުރުވެރިކަމުގެ ބިންތަކާއި ރަށްތަކާއި ފަޅުތަކުގެ ކުލި ފަސްކުރާއިރު، އެފަސްކުރެވޭ މުއްދަތުގައި ދައުލަތުން ރާއްޖޭގެ މާލީ އިދާރާތަކުން ދަރަންޏަށް ނަގާ ފައިސާގެ އިންޓްރެސްޓާއި އެއްވަރުގެ އަދަދެއްގެ އިންޓްރެސްޓް ދައްކަންޖެހޭނެ ކަމަށް ބަޔާންވެފައި އޮތުމުން ރިސޯޓް ފަދަ ތަންތަނުގެ ހެޑްލީޒްރެންޓް ފަސްކޮށްދިނުމުން ދައުލަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެ.
  • 11 ވަނަ މާއްދާގައިވާ މަސްވެރިންނަށް ހަރަދުގައި ތެޔޮދިނުން ދައުލަތަށް ލާޒިމުކުރުމާ ބެހޭބައި، މަސްވެރިންނަށް ހަރަދުގައި ތެޔޮ ފޯރުކޮށްދެވޭތޯ ސަރުކާރުން މަސައްކަތް ކޮށްދޭން ޖެހޭ ކަމަށް ވަނީ ބަދަލުކޮށްފައި.
  • 12 ވަނަ މާއްދާގައިވާ މަސްވެރިން ވިއްކާ މަހުގެ އަގު 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ލިބިދިނުމުގެ އިންތިޒާމް ހަމަޖެއްސުން ސަރުކަރުގެ މައްޗަށް ލާޒިމުކުރުމާ ބެހޭބައި، އެކަން އެގޮތަށް ކޮށްދެވޭތޯ ސަރުކާރުން މަސައްކަތް ކޮށްދޭން ޖެހޭ ކަމަށް ވަނީ ބަދަލުކޮށްފައި.
  • މީގެ އިތުރުން، މި ބިލުން އާ ބާވަތެއްގެ ޓެކްސްއެއް ތައާރަފްނުކުރާ ކަމާއި، އަދި ދައުލަތުގެ އާންމްދަނީއަށް އުނިއިރުތު ނާންނާނެކަން ކަށަވަރު ކުރުމުގެ ގޮތުން މާއްދާއެއް (14 ވަނަ މާއްދާ) ވަނީ އިތުރުކޮށްފައި.

އިސްލާހުތަކާއެކު ބިލު ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ، ދިވެހި ގިނަ ރައްޔިތުންނެއް ދަތި ހާލުގައި ޖެހި، އަނގައާއި އަތާ ދިމާ ނުވާ ރައްޔިތުންގެ އަދަދު ކޮންމެ ދުވަހަކު އިތުރު ވަމުން ދާ ކަމަށެވެ. އަދި ވަޒީފާ ގެއްލޭ ފަރާތްތަކާއި، ނޯޕޭ ލީވްގައި ގެޔަށް ފޮނުވާލާ މުވައްޒަފުންނާއި ބަނގުރޫޓު ވަމުންދާ ކުންފުނިތަކުގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ. އެހެން ކަމުން އެފަރާތްތަކަށް ލުޔެއް ލިބޭނެ ގޮތްތަކެއް ފަހިވާން ޖެހޭ ކަމަށާއި، އެ ލުއި ލިބޭނެ އެއްގޮތަކީ ޕެންޝަންފަންޑުން މިންވަރެއް ނަމަވެސް ނެގޭނެ ގޮތް ހެދުން ކަމަށެވެ.