މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ލޮކްޑައުންގެ އަމުރު ދިގު ދެމިގެންދާ ދިއުމުގެ ސަބަބުން އިގުތިސޯދީ ގޮތުން އުފުލަން ޖެހިފައިވާ ތަކުލީފު ތަކަށް ލުޔެއް ހޯދުމުގެ ގޮތުން 20 ޓްރިލިއަން ރުޕީޒް ނުވަތަ ގާތްގަނޑަކަށް 264 ބިލިއަން ޑޮލަރުގެ ރެސްކިއު ޕެކޭޖެއް، އަވަށްޓެރި އިންޑިއާއިން ތައާރަފު ކޮށްފިއެވެ.

ޓީވީ މެދުވެރިކުރައްވާ، ޕެކޭޖު އިއުލާން ކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވީ، މި ޕެކޭޖަކީ ދަނޑުވެރިންނާ ކުދި ވިޔަފާރިވެރިންނަށް ހާއްސަ ކޮށްފައިވާ ޕެކޭޖެއް ކަމަށެވެ.

މި އެހީގެ ޕެކޭޖާ ބެހޭ އިތުރު ތަފްސީލުތައް، ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާން ކޮށްދެއްވަމުން ގެންދަވާނީ އިންޑިއާގެ މާލީ ވަޒީރު ނިރުމަލާ ސިތާރަމަން ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ ގާތްގަނޑަކަށް 10 ޕަސެންޓް އަގުހުރި މި ޕެކޭޖާ ބެހޭ ގޮތުން މޯދީ ވިދާޅުވީ، މިއީ ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމާޒުގައި ތައާރަފުކުރެވޭ ޕެކޭޖެއް ކަމަށެވެ.

މީގެ އިތުރުން މޯދީ ވަނީ، އިންޑިއާގައި މިހާރު ތަންފީޒު ކުރަމުންދާ ލޮކްޑައުން މުހުލަތު، އިތުރު ޝަރުތުތަކަކާއެކު މެއި 17 އަށްވުރެވެސް ފަހަތަށް ދިގުދެމިގެންދާނެ ކަން އިއުލާން ކުރައްވާފައެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 74840 އަށް އަރާފައެވެ. މިއަދު އެކަނިވެސް 188 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ޗައިނާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދާ އިންޑިއާއިން މި ހަފުތާ ތެރޭގައި އަރާ ހަމަ ކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. އިންޑިއާގައި ކޮވިޑް-19ގެ އެކްޓިވް ކޭހުގެ ގޮތުގައި މިވަގުތު ރެކޯޑްކޮށްފައިވަނީ 47612 ކޭހެވެ. އަދި މި ބަލީގައި އިންޑިއާއިން 2415 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.