ޖިނާއީ ބޮޑެތި މައްސަލަތަކާ ގުޅިގެން ފުލުހުން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އެކުލަވާލައިފިއެވެ.
ޕީޖީ އޮފީހުން ބުނީ ގާނޫނުއަސާސާސީގެ 223 ވަނަ މާއްދާގެ (ރ) ގެ ދަށުން ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކާއި ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެ ކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އަށް ލިބިދޭ ބާރުގެ ދަށުން، ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އަޅާ ފިޔަވަޅެއްގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކާއި ގުޅިގެން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް އެކުލަވާލައިފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އެއަށް އަމަލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ޕްރޮސިކިއުޓަރު ޖެނެރަލް ވަނީ އަންގަވާފައިވާ ކަމަށެވެ.
މި އިރުޝާދުގެ ދަށުން ތަހުގީގެއް ނިންމުމަށްފަހު [ޖިނާއީ ތަހުގީގެއް] ޕީޖީ އޮފީހަށް އެ މައްސަލައެއްގައި ދައުވާ ކުރުމަށް ހުށަހަޅާއިރު މައްސަލައިގެ ތަހުގީގު ކުރިޔަށް ދިޔަ ގޮތް ބަޔާން ކޮށްދޭން ޖެހެއެވެ. އަދި މައްސަލައާ ގުޅިގެން ފުލުހުންނަށް ހޯދިފައިވާ އަސާސީ މައުލޫމާތާއި ހޯދިފައި ނުވާ މައުލޫމާތުތައް ހިއްސާ ކުރަން ޖެހެއެވެ. އަދި މައުލޫމާތު ހޯދިފައި ނުވަނީ ކޮން ސަބަބަކާއި ހެދިގެން ކަންވެސް ހިއްސާ ކުރަން ޖެހެއެވެ.
ޕީޖީ އިން މިގޮތަށް އަންގާފައިވާއިރު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުމާލެގައި ފަތުރުވެރިންތަކަކަށް ހަމަލާ ދިން މައްސަލައިގެ ތަހުގީގު ފުލުހުން ކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ އެ މައްސަލަ ޕީޖީ އިން ވަނީ އަނބުރާ ފުލުހުންނަށް ފޮނުވާލައިފައެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި މީހުންނަށް ދައުވާ ކުރުމުގެ މުއްދަތުވެސް މިހާރުވަނީ ބަންދުވެފައެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ފަރާތުން މުޖުތަމައު އަށް ކޮށްފާނެ އަސަރެއްގެ ސަބަބުން ހޯމް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ވަނީ މޮނިކޮން އަމުރު ނެރެ އެމީހުންގެ ފައިގައި ޓެގު އަޅުވާފައެވެ.