ކޮވިޑަށް ޕޮޒިޓިވްވެ، މިއަދު ޓްރީޓޮޕްގައި ވިހޭ އަންހެން މީހާގެ ދަރިފުޅު ވިހާތާ 24 ގަޑިއިރު ތެރޭ ކޮވިޑަށް ޓެސްޓް ކުރާނެ ކަމަށް ހެލްތް ޕްރޯޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެޗްޕީއޭން ބުނީ ތައްޔާރު ކުރެވިފައި ވާ ޕްރޮޓޮކޯލްގެ ދަށުން އެ އަންހެން މީހާ ވިހޭ ދަރިފުޅު، ވިހޭތާ 24 ގަޑިއިރު ތެރޭ ކޮވިޑަށް ޓެސްޓް ކުރެވޭނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޓްރީޓޮޕް ހޮސްޕިޓަލްގައި އެ އަންހެން މީހާގެ ހަދާފައި ވަނީ ސިޒޭރިއަން އެކެވެ. އެއީ މިދިޔަ ހަފްތާގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ހެދި ޓެސްޓުތަކުން ވައިރަހަށް ޕޮޒިޓިވް ވި މާބަނޑު މީހާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

އެ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެފައި ވާއިރު، އޭނަ އަށް ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ.

މާބަނޑު އަންހެން މީހާ ވިހަން ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެއީ މިދޔަ ހޮނިހިރު ދުވަހެވެ. އަދި އޭނާ ޕޮޒިޓިވް ކަން އެނގުނީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށް އެޗްޕިއޭއިން ބުނެޏެވެ. ފަހުން އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އެ ކޭސް އާ ގުޅިގެން އެ މީހާއަށް ފަރުވާ ދިން އައިޖީއެމްއެޗްގެ ނަރުހުންނާއި ޑޮކްޓަރުންވެސް ކަރަންޓީން ކުރެވި ޓެސްޓް ވަނީ ހަދާފައެވެ. އަދި އެންމެންގެ ނަތީޖާވެސް ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި މާބަނޑު ދެ މީހަކު ހިމެނެއެވެ.