ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނުނު މާބަނޑު މީހާ ވިހައިފިއެވެ. މިކަން ހާމަ ކޮށްފައިވަނީ މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މައިމީހާއާއި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ.

އެމީހާ ސީސެކްޝަން ހަަދައިގެން ވިހާފައި ވާއިރު އޭނާ ޕޮޒިޓިވް ވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ކޮވިޑް19 އަށް ޕޮޒިޓިވް ވުމާ އެކު އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވި މާބަނޑު މީހާ ވިހާފައި ވާއިރު އެމީހާއާ އައިޖީއެމްއެޗް އިން ކޮންޓެކްޓްވި ނަރުހުން އެކަހެރި ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މިހާތަނަށް 21 ނަރުހަކު ވަނީ އެކަހެރި ކޮށްފައެވެ.

މީގެއިތުރުން އައިޖީއެމްއެޗް އިން ވަނީ ޑޮކްޓަރަކާއި ނަރުހަކަށްވެސް ކޮވިޑް19 ޖެހިފައެވެ. ނަމަވެސް އެ ދެ މީހުންނަށް ކޮވިޑް19 ޖެހުނީ އައިޖީއެމްއެޗްގެ މަސައްކަތްތުގެ ތެރެއިން ނޫން ކަމަށް އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މީގެކުރިންވެސް ވަނީ މާބަނޑު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އެމީހާ އަކީ މާބަނޑު މީހަކަށް ވާތީ އެމީހާގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް އެޗްޕީއޭ އިން ކުރިން ވަނީ ބުނެފައެވެ. ނަމަވެސް މިހާރު އެމީހާގެ ހާލަތާ ގުޅިގެން އިތުރު ތަފްސީލެއް އަދި ފަހުގެ މައުލޫމާތެއް އެޗްޕީއޭ އިން ހާމަ ކޮށްފައެއް ނުވެއެވެ.

މިއަދު އެކަނިވެސް ރާއްޖެއިން 7 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މުޅި ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 904 އަށް އަރާފައެވެ.