ކޮވިޑް19 އަށް ހާއްސަ ކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ އެ ހޮސްޕިޓަލަށް ދިޔަ ބަލި މީހަކު އޮންނަ އުސޫލުގެ ތެރެއިން ކޮވިޑަށް ޓެސްޓު ކުރުމުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެމީހާ އަކީ އެހެން ބައްޔަކަށް ފަރުވާ ހޯދުމަށް ޓްރީޓޮޕް އަށް ދިޔަ މީހެއް ކަމަށެވެ.

ނަމަވެސް ފަހުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ އަކީ ކުރިންވެސް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހެއް ކަމަށެވެ. އަދި އެމީހާއަކީ ޑީއެޗް11 އިން ޓްރީޓޮޕް އަށް ބަދަލު ކުރެވުނު ބަލި މީހެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ ތިނެކެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާރު ވަނީ 904 މީހަކަށް ކޮވިޑް19 ޖެހިފައެވެ. ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ. މިހާރު މި ބަލި ޖެހިފައިވާ ބަންގްލަދޭޝް މީހުންގެ އަދަދު ވަނީ 495 އަށް އަރާފައެވެ. އަދި މިބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 304 އަށް އަރާފައެވެ. ތިންވަނަ އަށް އެންމެ ގިނައިން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިންޑިއާ މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަދި މީގެ އިތުރުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 32 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.