މިހާތަނަށް 40 އަށް ވުރެ ގިނަ ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މިއަދު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ އެމްއެންޑީއެފަކީ މިހާތަނަށް އެންމެ ގިނަ މީހުން އެއް މުއައްސަސާއަކުން އެ ބައްޔަށް ޕޮޒިޓިވްވި ތަން ކަމަށެވެ. އެގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ސިފައިން ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކޮވިޑް ވިލޭޖްގައި މަސައްކަތް ކުރަން އުޅުނު ސިފައިން ކަމަށް ވިދާޅުވިއެވެ.
މިއަދު 40 އަށްވުރެ ގިނަ ސިފައިން ޕޮޒިޓިވެ ވެފައިވާކަން އިއުލާން ކޮށްފައި ވާއިރު، މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ސިފައިންގެ ކްލަސްޓާގައި ހިމެނޭ 14 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއީ ވަރަށް ބޮޑުވެދާނެ ކްލަސްޓާ އަކަށް ވެދާނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލްވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެ ކޮވިޑް-19 ގެ ހާލަތަށް ބަލާއިރު، މިހާތަނަށް 897 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ. އޭގެ ތެރެއިން 302 މީހުންނަކީ ދިވެހިން ކަމަށްވާއިރު، ދިވެހިންގެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެމްއެންޑީއެފްގެ މީހެކެވެ. އެއީ އިނގިރޭސި ވިލާތުގައި އޮތް އެންއެންޑީއެފްގެ ކޯހެއް ނިންމުމަށްފަހު މާލެ އައިސް ކަރަންޓީން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި މީހެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ނަމަވެސް މިހާރު އޭނާ ވަނީ އެ ބަލިން ރަނގަޅުވެ އަނބުރާ ޑިއުޓީ އަށް ނުކުމެފައެވެ.