ވޯކް ވިސާ އަދި ޓްރެވެލް ޑޮކިއުމެންޓް ނެތި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ 1500 މަސައްކަތްތެރިން، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލަން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީގެ ފަރާތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ، ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގެ އިތުރުން ބަންގްލަދޭޝްގެ ހައިކޮމިޝަނާ ގުޅިގެން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަނގްލަދޭޝްގެ 1500 މަސައްކަތްތެރިން ފޮނުވާލެވޭނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެންމެންވެސް އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން، މިމަހުގެ 15 ހިސާބުގައި ކޮވިޑް އަށް ޓެސްޓް ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ބަލާ އައުމަށް ފްލައިޓެއް ހަމަޖައްސާނެ ކަން ބަންގްލަދޭޝްހެ ހައިކޮމިޝަނުން ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭސްގެ މަސައްކަތްތެރިން ފޮނުވާލުމުގެ މަސައްކަތް ކުރެވެމުން ދާއިރު، ވޯކް ވިސާ އަދި ޓްރެވެލް ޑޮކިއުމެންޓް ނެތި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލަން ފެށީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހެވެ.

ރާއްޖޭގައި ވާކް ވިސާ ނެތި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުން ދެއެވެ. އޭގެތެރޭގައި އެންމެ ގިނައީ ބަންގަލަދޭޝްއަށް ނިސްބަތްވާ ރައްޔިތުންނެވެ.