މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި "ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު" އަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އަލުން ހުށަހަޅުއްވައިފިއެވެ.

ސައީދު ހުށަހެޅުއްވި ބިލު އިސްލާހު ކުރުމަށް މަޖިލީހުގެ ރިޔާސަތުން އަންގާފައި ވަނީ އެ ބިލުގައި ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި ކަންކަން ވެސް ހިމަނާފައި ވާތީއެވެ. މި ބިލު އިސްލާހުކޮށް ފޮނުއްވި ސިޓީގައި ސައީދު ވިދާޅުވީ، ބިލުގައި ހުރި ދައުލަތުގެ އާމްދަނީއަށް އަސަރު ކުރާފަދަ މާއްދާތައް މިހާރު އިސްލާހު ކޮށްފައި ވާނެ ކަމަށެވެ.

ބިލަށް ގެނައި އިސްލާހުތައް:

  • 7 ވަނަ މާއްދާގައިވާ ދަނޑުވެރިބިންތަކުގެ ކުލީގެ 50 ޕަސެންޓް މާދުވުމުގެ ބައި ވަނީ އުނިކޮށް، އޭގެ ބަދަލުގައި މިހާރު ވާނީ ކުލި ފަސްކުރުމަށް ހުށަހެޅުން.
  • 8 ވަނަ މާއްދާގައިވާ ފަތުރުވެރިކަމުގެ ބިންތަކާއި ރަށްތަކާއި ފަޅުތަކުގެ ކުލި ފަސްކުރާއިރު، އެފަސްކުރެވޭ މުއްދަތުގައި ދައުލަތުން ރާއްޖޭގެ މާލީ އިދާރާތަކުން ދަރަންޏަށް ނަގާ ފައިސާގެ އިންޓްރެސްޓާއި އެއްވަރުގެ އަދަދެއްގެ އިންޓްރެސްޓް ދައްކަންޖެހޭނެ ކަމަށް ބަޔާންވެފައި އޮތުމުން ރިސޯޓް ފަދަ ތަންތަނުގެ ހެޑްލީޒްރެންޓް ފަސްކޮށްދިނުމުން ދައުލަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެ.
  • 11 ވަނަ މާއްދާގައިވާ މަސްވެރިންނަށް ހަރަދުގައި ތެޔޮދިނުން ދައުލަތަށް ލާޒިމުކުރުމާ ބެހޭބައި، މަސްވެރިންނަށް ހަރަދުގައި ތެޔޮ ފޯރުކޮށްދެވޭތޯ ސަރުކާރުން މަސައްކަތް ކޮށްދޭން ޖެހޭ ކަމަށް ވަނީ ބަދަލުކޮށްފައި.
  • 12 ވަނަ މާއްދާގައިވާ މަސްވެރިން ވިއްކާ މަހުގެ އަގު 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ލިބިދިނުމުގެ އިންތިޒާމް ހަމަޖެއްސުން ސަރުކަރުގެ މައްޗަށް ލާޒިމުކުރުމާ ބެހޭބައި، އެކަން އެގޮތަށް ކޮށްދެވޭތޯ ސަރުކާރުން މަސައްކަތް ކޮށްދޭން ޖެހޭ ކަމަށް ވަނީ ބަދަލުކޮށްފައި.
  • މީގެ އިތުރުން، މި ބިލުން އާ ބާވަތެއްގެ ޓެކްސްއެއް ތައާރަފްނުކުރާ ކަމާއި، އަދި ދައުލަތުގެ އާންމްދަނީއަށް އުނިއިރުތު ނާންނާނެކަން ކަށަވަރު ކުރުމުގެ ގޮތުން މާއްދާއެއް (14 ވަނަ މާއްދާ) ވަނީ އިތުރުކޮށްފައި.

އިސްލާހުތަކާއެކު ބިލު ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ، ދިވެހި ގިނަ ރައްޔިތުންނެއް ދަތި ހާލުގައި ޖެހި، އަނގައާއި އަތާ ދިމާ ނުވާ ރައްޔިތުންގެ އަދަދު ކޮންމެ ދުވަހަކު އިތުރު ވަމުންދާ ކަމަށެވެ. އަދި ވަޒީފާ ގެއްލޭ ފަރާތްތަކާއި، ނޯޕޭ ލީވްގައި ގެޔަށް ފޮނުވާލާ މުވައްޒަފުންނާއި ބަނގުރޫޓު ވަމުންދާ ކުންފުނިތަކުގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން މި ހާލުގައި ވާއިރު، ސަރުކާރުގެ ބުރަހެލިކަމާއި ބަރުހެލިކަމާއި މާލީ ރޭވުންތެރިކަމާއި ފުދުންތެރިކަން ހުރި ގޮތުން އެ ރައްޔިތުންނަށް އެދެވޭ ވަރުގެ އެހީތެރި ކަމެއް ފޯރުކޮށް ދިނުމަށް ނުކުޅެދިފައި ވާ ކަމަށެވެ. އަދި ރައްޔިތުންގެ މަންދޫބުންގެ ފަރާތުން، އިނީޝިއޭޓިވް ނަގާ، ރައްޔިތުންނަށް ލުއި ހޯދައި ދިނުމަކީ މަޖިލީހުގެ ދޫސްތޫރީ، ގައުމީ، އިޖުތިމާއީ އަދި ދީނީ ވާޖިބެއް ކަމަށް ސައީދު ވިދާޅުވިއެވެ.