ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 933 މީހަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ޖަރުމަނު ވިލާތުގެ ނޭޝަނަލް އޭޖެންސީ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން – ރޮބާޓް ކޯކް އިންސްޓިޓިއުޓް އިން މިއަދު ހާމަކޮށްފިއެވެ.

މީގެ އެއް ދުވަސް ކުރިން ޖަރުމަނު ވިލާތުން ރިޕޯޓް ކޮށްފައި ވަނީ 357 ކޭހެވެ.

ރޮބާޓް ކޯކް އިންސްޓިޓިއުޓް އިން މައުލޫމާތު ދޭ ގޮތުގައި ޖަރުމަނު ވިލާތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 170508 އަށް އަރާފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޖަރުމަނު ވިލާތުގައި މީގެ ކުރިން ތަންފީޒު ކުރަމުން ދިޔަ ބައެއް ފިޔަވަޅުތަކަށް ދޫ ދިނުމާއެކު ބަލީގެ އިތުރު ކޭސްތައް ފެންނަން ފަށާފައި ވާއިރު، އިޖުތިމާއީ ގައިދުރުކަމާ އެފަދަ އަސާސީ ކަންކަން ތަންފީޒު ކުރުން މަތީ ދެމި ތިބުމަށް އެ ގައުމުގެ ޗާންސެލާ އެންޖެލާ މާކޭލް ވަނީ ޖަރުމަނު ވިލާތުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.