ސިއްހީ ހިދުމަތުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރި ހިދުމަތްތެރިންނާ ހުރިހާ ނަރުހުންނަށް ސަލާމަތާ ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން، ދުނިޔޭގެ ހުރިހާ ގައުމު ތަކަކަށް ގޮވާލައިފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ މިއަހަރުގެ ނަރުހުންގެ ދުވަހާ ގުޅުވައިގެން އެ ޖަމިއްޔާއިން އާންމުކުރި ހާއްސަ ސަޕްލިމެންޓްގައި ޑަބްލިއު.އެޗް.އޯއިންވަނީ އަދުގެ ދުނިޔެ ތަޖުރިބާ ކުރަމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަކީ، ނަރުހުން އަދާކުރަމުންދާ ޒިންމާދާރު މައްސޫލިއްޔަތު ހަނދާން ކޮށްދެނިވި ކަމެއް ކަމަށެވެ. ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ނަރުހުންނާ ނުލާ، ސިއްހީ ހިދުމަތްތެރިންނަށް ވެސް ކާމިޔާބު ކުރެވޭނެ ހަނގުރާމައެއް ނޫން ކަމަށް ޑަބްލިއު.އެޗް.އޯއިން ސިފަކޮށްފައެވެ.

މިއާއެކު ގައުމުތަކުން، ނަރުހުންނަށް މިވަގުތު އަދާކޮށްދޭންޖެހޭ ޒިންމާތަކެއް އެބަހުރި ކަންވެސް ޑަބްލިއު.އެޗް.އޯއިންވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހަށި ރައްކަލަކަށް ބޭނުން ކުރާ އާލާތްތައް (ޕީޕީއީ)، ހުރަހެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށާ، މިއީ ސިއްހީ ފަރުވާގެ ނިޒާމުގެ ތެރޭގައި އިންފެކްޝަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ.

މިދަނޑިވަޅަކީ ބަލިމަޑުކަމެއްގެ ސަބަބުން ނަފްސާނީ ހަނގުރާމައެއްވެސް ކުރަމުންދާ ވަގުތަކަށްވާއިރު، ސިއްހީ ހިދުމަތްތެރިންނާ ނަރުހުންނަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮ ކަމުގެ އެއްބާރުލުން ދިނުމަށާ، ވަގުތުން ވަގުތަށް މުސާރައާއި އުޖޫރަ ހަމަޖައްސާދީ، ބަލުވުމުން ނަގާ 'ސިކް ލީވް' ލިބޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށާ، ސިއްހީ ދާއިރާގެ އެންމެ ފަހުގެ ޚަބަރާ މައުލޫމާތު އެއްކުރުމުގެ ފުރުސަތު އެ ނަރުހުންނަށް ފޯރުކޮށްދިނުމަށްވެސް ޑަބްލިއު.އެޗް.އޯއިންވަނީ ގޮވާލާފައެވެ.

ވަކިން ހާއްސަކޮށް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށާ، ކުރިއަށް އޮތް ތަނުގައި ބަލިމަޑުކަން ފެތުރިގެންދާ ދިއުން ކޮންޓްރޯލް ކުރުމަށް ނަރުހުންނަށް ބޭނުންވާ މާލީ އެއްބާރުލުމާ އެނޫންވެސް އެފަދަ ވަސީލަތްތައް ހަމަޖައްސާ ދިނުމަށްވެސް ޑަބްލިއު.އެޗް.އޯއިންވަނީ ގައުމުތަކަށް ގޮވާލާފައެވެ.

ބައިނަލްއަގުވާމީ ނަރުހުންގެ ކައުންސިލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 20 މިލިއަނަށްވުރެ ގިނަ ނަރުހުން މިއަދު ދަނީ ހަރަކާތްތެރިވަމުންނެވެ.