ބައިނަލްއަގުވާމީ ނަރުހުންގެ ކައުންސިލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 20 މިލިއަނަށް ވުރެ ގިނަ ނަރުހުން މިއަދު ދަނީ ހަރަކާތްތެރި ވަމުންނެވެ. މިއިން ކޮންމެ ނަރުހަކީވެސް އަގު ނުކުރެވޭ އެތައް ވާހަކަ ތަކެއް އެމީހުންނާއެކު ވާ ބައެކެވެ. އުއްމީދާއި އަޒުމު، ހިތާމައާއި ހިތްދަތިކަން، ތަދާއި ވޭން، މިހެން ގޮސް ކިތަންމެ ކިތަންމެ ޖަޒުބާތެއް އޭގެ އެންމެ ފުރިހަމަ މާނާގައި ލޮލުން ދެކި އަތުން ހިފާ އެއް ބަޔަކީވެސް ނަރުހުންނެވެ. އަލަށް އުފަންވާ ދަރިފުޅުގެ ފުރަތަމަ ރޯލުމުގެ އަޑާ، މަރުދާން މަތީގައި އޮންނަ މީހާ ދޫކޮށްލާ ފަހު ނޭވާގެ އަޑަކީ މިއިން ކޮންމެ ނަރުހެއްގެ ހިތު ވިންދާ ގުޅިފައިވާ އަޑުތަކެކެވެ. މީހެއްގެ ދިރިއުޅުމުގައި އަންނާނެ އެންމެ އަގުބޮޑު ވަގުތުތަކާ، އެންމެ ހިތްދަތި ވަގުތުތަކުގައިވެސް އެންމެ ގާތުގައި ތިބޭ އެއް ބަޔަކީ ނަރުހުން ކަމާ މެދަކު ޝައްކެއް ނެތެވެ. ނަރުހުން ހިދުމަތް ކުރަމުން ދަނީ ސީދާ އިންސާނިއްޔަތަށެވެ. އާބާދީތަކާ ގައުމުތަކުގެ ސިއްހީ ނިޒާމު ދުޅަހެޔެކަންމަތީ ނެގެހެއްޓުމުގެ މޭސްތިރިން ނަކީވެސް ހަމަ ނަރުހުންނެވެ.
ދުނިޔޭގެ ކޮންމެ ހިސާބަކަށް ބަލާލި ކަމުގައި ވީ ނަމަވެސް އެންމެންހެން އިއްތިފާގުވާ ކަމެއް އޮވެއެވެ. ނަރުހުންނަކީ ވަޒީފާއަށް އެންމެ އިހުލާސްތެރި އުސްލޫބެއްގައި މަސައްކަތްކުރާ ތަޖުރިބާކާރުންތަކެއް ކަމަށް އިއްތިފާގު ނުވާނެ މީހަކު މަދުވާނެއެވެ. މިއާއެކު މުޖުތަމައުގައި ނަރުހުންނަށް ދެވޭ ގަދަރުވެސް ބޮޑެވެ. ކަންމިހެން އޮތް ނަމަވެސް، ނަރުހުންނާ މެދު ދެކެވޭ ގޮތް ބައެއް ފަހަރު ބަދަލުވާތަންވެސް އާދެއެވެ. ނަރުހުންނަކީ ޑޮކްޓަރުންގެ ދަށުން މަސައްކަތް ކުރާ ބައެއް ކަމަށް ކުރެވޭ ކުށްހީ އަކީ، ބޭ އިހުތިޔާރުގައި ނަމަވެސް ވެވޭ އިހުމާލެކެވެ.
ފަހުގެ ތާރީހު ދެކޭ ނަރުހުންގެ މަސައްކަތް ފެށުނީ ކިހިނެއް؟
މި ހިނގާ 2020 ވަނަ އަހަރަކީ ހަގީގީ ނަރުހުންނަކީ ކޮބައިކަން މުޅި ދުނިޔެއަށްވެސް ދަސްކޮށްދޭނެ އަހަރެއް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އަދާއަށް ހަމައަށް އައުމުގެ ކުރިން، އަދު މިދެކޭ ނަރުހުންގެ ހިދުމަތް ފެށިގެން އައި ގޮތް ބަލާލުމަކީ މުހިންމު ކަމެކެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ނަރުހުންގެ ދުވަހެއް ފާހަގަކުރަމުން ދަނީ، ޒަމާނީ ނަރުސްކަމުގެ ބާނީގެ ގޮތުގައި ސިފަކުރަމުން އަންނަ ފްލޯރެންސް ނައިޓިންގޭލްގެ އުފަން ދުވަހާ ގުޅުވައިގެންނެވެ. ސިއްހީ ފަރުވާގެ ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ނައިޓިންގޭލް މި ދުނިޔޭގެ އަލިކަން ދުށީ މީލާދީން 1820 ވަނަ އަހަރުއެވެ. ބޮޑެތި ގޮންޖެހުންތަކަކާއެކު ނަރުސްކަމުގެ އިލްމު ހާސިލުކޮށް އިނގިރޭސިވިލާތުގެ ހޮސްޕިޓަލުގައި ހިލޭ ސާބަހަށްވެސް އޭނާ ހިދުމަތްކުރިއެވެ. އެއީ ކޮލެރާ ރޯގާގެ ދުވަސްވަރެވެ. ބޮޑެތި ހަނގުރާމަތަކުގައިވެސް ސިއްހީ ހިދުމަތުގެ މިޝަން ކޮންޓްރޯލް ގައި އޭނާ ދިޔައީ އަމަލީ ގޮތުން އިސް ދައުރެއް އަދާކުރަމުންނެވެ. ފްލޯރެންސް ނައިޓިންގޭލްގެ މަގުބޫލުކަން އާންމުންގެ ތެރޭގައި ފެތުރިގެންދިޔައެވެ. ޅެމާ، ލަވައާއި ޑްރާމްތައް އޭނާއަށް ހާއްސަކުރިއެވެ. އެތައް ބަޔަކު އޭނާގެ ލަފައަށް ބަރޯސާވި މުޝީރަކަށް ފްލޯރަންސް ނައިޓިންގޭލްވިއެވެ.
ނަރުހުންގެ ދުވަސް 2020
ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ ނަރުހުންގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައިވަނީ "ނާސިންގް ދަ ވޯލްޑް ޓު ހެލްތް" މި ޝިއާރެވެ. މާޒީއެކޭ އެއް ފަދައިން މިއަދުވެސް ނަރުހުންދަނީ ބޮޑެތި ބަލިމަޑުކަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ. ބައެއް ފަހަރު ސިއްހީ ހިދުމަތް ހޯދާ ނިމިގެން ހޮސްޕިޓަލުން ނިކުންނައިރުވެސް ބަލި މީހާއާއި އެންމެ ގާތުގައި ހުންނަ މީހަކީ މި ދަންނަވާ ނަރުސް ކަމުގައި އޮންނަނީ ވެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ ސިއްހީ ހިދުމަތްތެރިންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ ނަރުހުންނެވެ. ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނާ ގޮތުގައި، އަދިވެސް ނަރުހުންގެ ހިދުމަތަށް 5.9 މީހުން ބޭނުންވެއެވެ. ވަކިން ހާއްސަކޮށް މެދު އަދި ދަށް ފަންތީގެ ގައުމުތަކަށެވެ.
މި ދަނޑިވަޅަކީ ލޮލަށްވެސް ނުފެންނަ ކުޑަކުޑަ މަހުލޫގެއް މުޅި ދުނިޔެ ބަލިމަޑުކަމެއްގެ ތެރެއަށް ވައްޓާލާ، އިންދަޖައްސާލާފައި އޮތް ހިތްދަތި، ނާމާން ވަގުތެކެވެ. މި ވަގުތުގައިވެސް، ދުނިޔޭގެ ވަޒަންވެރިންގެ ސިއްހަތު ސަލާމަތް ކޮށްދިނުމުގެ އެންމެ އިސް ޒިންމާއެއް އެންމެ ފުޅާ ދާއިރާއެއްގައި އަދާކުރަމުންދާ ބަޔަކީ ނަރުހުންނެވެ. ނަރުހުންގެ ހިދުމަތާ ނުލާ، އެންމެ ތަޖުރިބާކާރު ޑޮކްޓަރުންނަށްވެސް މި ހަނގުރާމާގައި ކާމިޔާބެއް ނެތެވެ.
މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ނަރުހުންގެ އަހަރުވެސްމެއެވެ. ނަރުހުންގެ އަގު ވަޒަންކޮށްދިނުމަށް މިއަށްވުރެ މުނާސަބު ދެވަނަ ވަގުތެއް ނެތެވެ. އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލި ނަރުހުންގެ ހަނދާން އާ ކުރުމަށްވެސް ނަރުހުންގެ ހައްގުގައި މަސައްކަތް ކުރާ ބޮޑެތި ޖަމިއްޔާތަކާ ޑަބްލިއު.އެޗް.އޯއިންވެސް ވަނީ ގޮވާލާފައެވެ.
ނަރުހުން ސިޔާސީ ކޮއްގެން ނަމަވެސް މުސާރަ ބޮޑު ކުރަންވީ، ސިވިލްސާވިސް ދަށުން މުސާރަ ބޮޑު ކުރެވޭ ކަށް ނެތް!