ރާއްްޖެއިން ބޭރުގައި ތިބޭ ދިވެހިން ރާއްޖެ ގެންނަ ގޮތަށް، މާލެއައިސް ރަށަަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުން އަވަހަށް ރަށަށް ފޮނުވައި ދިނުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ގޮވާލައްވައިފިއެވެ.

އަލީ ހުސެއިން ވިދާޅުވީ އެެހެން ގައުމުތަކުގައި އެތަކެއް ސަތޭކަ މޭލު ދުރުގައި ތިބި ދިވެހިންވެސް ރާއްޖެ ގެންނަ ގޮތަށް، ދަތުރުވަރުގައި މާލެ އައިސް ތާށިވެ ހާލުގައި ޖެހިފައިތިބި މީހުންނަށް އެމީހުންގެ ރަށްރަށަށް އަނބުރާ ދެވޭނެ އިންތިޒާމުތައް ވީހާވެސް އަވަހަކަށް ހަމަޖެެހެން ޖެހޭ ކަމަށެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައި ވާއިރު، އިއްޔެ އެކަނިވެސް ވަނީ އިންޑިއާގެ 16 ސިޓީއެއްގައި ތާށިވެފައިި ތިބި 235 ދިވެއްސަކު ރާއްޖެ ގެނެސްފައެވެ.

އަދި ހަމަ އެހެންމެ ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި ވާ މި ހާލަތުގައި މާލެއިން ފުރައިގެން ރަށްރަށަށް ދިއުމަށް 5000 އެއްހާ މީހުން އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަން ދޭނެ މީހުން ޖެންޑާ މިނިސްޓްރީން ވަނީ އާންމު ކޮށްފައެވެ. އެގޮތުން އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރަށްރަށައް ދާން ބޭނުން ވެގެން 300 ވުރެ ގިނަ މީހުން މިހާރުވެސް ކަރަންޓީން ފުރިހަމަ ކުރަމުން ދާ ކަމަށް ވަނީ ބުނެފައި ވެއެވެ.