ކޮވިޑް-19އިން ރައްކާތެރި ވުމުގެ ގޮތުން، އެ ބަލީގެ އަލާމާތް ހުންނަ މީހުންނާއި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އިތުރުން އަދި ކޮންޓެކްޓް ވެފައިވާ މީހުންނާ ގުޅިގެން 307 ތަނެއް އަދި 6 ރަށެއް މޮނީޓަރިންގެ ހާލަތުގައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭން ބުނީ މިހާތަނަށް 307 އިމާރާތެއް ނުވަތަ އެޕާޓްމަންޓެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާ ކަމަށާއި އޭގެ ތެރޭގައި އަތޮޅު ތެރޭގެ އެކި ރަށްތަކުގެ ގެތައް ވެސް ހިމެނޭ ކަމަށެވެ.
307 ގޭގެ އިތުރުން، މޮނީޓަރިންގެ ހާލަތުގައި ހަ ރަށެއް އޮތް ކަމަށް އެޗްޕީއޭން ބުނެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ އާއި ކ. ތުލުސްދޫ އާއި ށ. ނަރުދޫ އާއި ށ. މިލަންދޫ އާއި ނ. މަނަދޫގެ އިތުރުން ހއ. ތަކަންދޫ އެވެ.
އޭގެ އިތުުރުން ފިހާރަ އާއި ގޯޑައުނާއި ކްލިނިކްސް ހިމެނޭ ގޮތަށް 6 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.
ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 897 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 302 ދިވެހިންނާއި 595 ބިދޭސީންނެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މީގެ އިތުރުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 31 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.