އއ. ވެލިދޫގައި ގާއިމު ކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތްކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެމްއެންޑީއެފް ކޮމާންޑަރަކު ދަންވަރު ވަގުތު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އިޒްމިއާ ޒާހިރު ވިދާޅުވީ ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިނާއީ ކުށެއް އަދި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހިނގައިގެން ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި ފުލުހުން އެފަދަ ކަމެއް ތަހުގީގު ކުރަމުން ނުދާ ކަމަށެވެ.

ފުލުހުން މިފަދައިން ބުނެފައި ވާއިރު، ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އިއްޔެ އެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައެވެ. އަދި މައްސަލަ ބަލަން ފަށާފައިވާކަން ސިފައިންނަށް ވަނީ އަންގާފައިވާ ކަމަށައި، ފުލުހުން ބަލަމުން ދަނީ މޭޖަރެއްގެ މަގާމުގައި ހުންނެވި ސިފައިންގެ މީހެއްގެ މައްސަލަ ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

އަދި އެ ހާދިސާ ހިނގާފައި ވާކަން އެނގިފައި ވަނީ އިއްޔެ ރޭ ދަންވަރު، އަންހެން ޑޮކްޓަރު ސިފައިންގެ އިސް މީހާ ހުންނަ ކޮޓަރިން ނިކުންނަނިކޮށް ފުލުހަކަށް ފެނިގެން ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ. މި ހާދިސާއަށް ފަހު ޑޮކްޓަރު މާލެ އައިސްފައި ވާ ކަމަށާއި ނަމަވެސް ސިފައިންގެ މީހާ އެ ރަށުގައި ހުރި ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މިމައްސަލައާ ގުޅިގެން ސިފައިންގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، އެފަދަ މައްސަލައެއް ބަލަންޏާ ބަލާނީ ފުލުހުން ކަމަށެވެ.